ރޯގާގެ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ބަލިތަކަށް ބަލާއިރު ފާއިތުވި ޖުލައި މަހުގެ ތެރޭގައި ބޭރައްހިނގުމާއި ހޮޑުލުން އާދަޔާޚިލާފަށް އިތުރުވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

އެޗްޕީއޭއިން ބުދަދުވަހު އާންމުކުރި "ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތައް" ހިމެނޭ ރިޕޯޓަށް ބަލާއިރު، ބޭރަށް ހިންގުމާއި ހޮޑުލުމަށް ފަރުވާހޯދި މީހުންގެ އަދަދު 7,384އަށް އަރައެވެ. ޖޫން މަހު މި އަދަދު ހުރީ، 3,328ގައެވެ.

ޖޫން މަހާ އަޅައިބަލާއިރު، އެހެނިހެން ބަލިތައް ރިޕޯޓްކޮށްފައިވާ އަދަދު ޖުލައި މަހު ވަނީ ދަށްވެފައެވެ. އެގޮތުން އަރިދަފުސް ރޯގާ ޖެހިގެން ޖޫންމަހު  25,749 ރިޕޯޓްކޮށްފައިވާއިރު ޖުލައި މަހު ރިޕޯޓްކޮށްފައި ވަނީ،  23,206އެވެ. ވައިރަލް ހުން ޖެހިގެން  11,097 ކޭހެއް ޖޫން މަހު ރިޕޯޓްކޮށްފައި ވާއިރު، ޖުލައި މަހު ރިޕޯޓްކޮށްފައި ވަނީ  10,742އެވެ. އަދި ޑެންގީ ހުން ޖެހިގެން ޖޫން މަހު 568 ކޭސް ރިޕޯޓްކުރި ނަމަވެސް ޖުލައި މަހު ރިޕޯޓްކޮށްފައި ވަނީ 271 ކޭހެވެ.

ނަމަވެސް ހުރިހާ ބަލިތަކުގެ ޖުމުލައަށް ބަލާއިރު ޖޫންމަހު ރިޕޯޓްކޮށްފައި ވަނީ  40,742 ކޭހެކެވެ. ޖުލައި މަހު އެ އަދަދު ވަނީ  41,603އަށް އިތުރުވެފައެވެ.

ޖުލައި މަހުގެ ތެރޭގައި ރޯގާ ބަލިމަޑުކަން އިތުރުވެގެން ދިޔައީ، ވިއްސާރައާ ގުޅިގެން ބަލިމަޑުކަން ފެތުރެމުން ދަނިކޮށް، މިނިވަން ދުވަހާ ދިމާކޮށް ތުއްތުކުދީންނާއި އެކި އުމުރުފުރައިގެ މީހުން ހިމެނޭހެން އެތަކެއް ހާސް މީހުން އެއްތަނަކަށް ޖަމާވުމުގެ ސަބަބުން ކަމަށް ލަފާކުރެވެއެވެ.