ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ކެނޑިޑެސީ އާއި ގުޅޭގޮތުން ޕީޕީއެމްއިން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑު އެހުން ހުކުރު ދުވަހުގެ މެންދުރު ފަހަށް އެ ކޯޓުން ތާވަލުކޮށްފިއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާން ރައީސް ޔާމީނުގެ ނަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައިފައެވެ. އަދި ބުނެފައި ވަނީ، "ރިޔާސީ އިންތިޚާބަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިމަތިލުމަށް 2023 އޯގަސްޓް 1ގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މއ. ކާމިނީހުޅަނގުގެ" ފޯމިގައިވާ މައުލޫމާތާއި ތަކެތި އެކޮމިޝަނުން ބަލައި ޗެކްކުރިއިރު، "ޤާނޫނުއަސާސީއާއި އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު އަދި ރިޔާސީ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުގެ މަތީން، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން، އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތްވާހަކަ،" އަންގާ ކަމަށެވެ.

އިލެކްޝަންގެ ނިންމުން ޕީޕީއެމްއިން ވަނީ ބުދަ ދުވަހުގެ ފަތިހު ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އަދި އެ ކޯޓުން މިމައްސަލައިގެ ފުރަތަމަ އަޑު އެހުން ތާވަލް ކޮށްފައި ވަނީ ހުކުރު ދުވަހުގެ މެންދުރުފަހު 14:30 އަށެވެ. ކޯޓުންވަނީ މި މައްސަލައިގެ އަޑުއެހުމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމަށާއި، އިލެކްޝަންސް ކޮމިޝަނަށް ޗިޓުވެސް ފޮނުވައިފައެވެ.

ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއި ކުށެއް ސާބިތުވެގެން 1 އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފުކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.