ދިވެހީންނަށް ހިލޭ ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް އުފައްދާވައިވާ އާސަންދަ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެކުންފުނީގެ ވެބްޕޯޓަލްއިން ލިބޭނޭގޮތް ހަދައިފިއެވެ.

ބޭސް ފަރުވާގެ ކަންކަމުގައި ދައުލަތުގެ އެހީތެރިކަމަށް އެދުމުގެ މަގު ފަސޭހަކުރުމުގެގޮތުން އާސަންދައިން އަލަށް ތަޢާރަފްކުރި ވެބްޕޯޓަލް "މައި އާސަންދަ"ގެ ޚިދުމަތާއެކު އެ ސްކީމްގެ ތެރެއިން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރު ފުރައިދޭ ރެކޮމެންޑޭޝަން ފޯމުވެސް ދެން ބަލައިގަންނާނީ މި ޕޯޓަލް މެދުވެރިކޮށެވެ.

ޚިދުމަތްތައް "މައި އާސަންދަ"އަށް ބަދަލުކުރުމާ ގުޅިގެން، އާސަންދައިން ބުނެފައިވަނީ، އޯގަސްޓް 15އިން ފެށިގެން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރު ފުރައިދޭ ރެކޮމެންޑޭޝަން ފޯމު ބަލައިގަންނާނީ ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށެވެ.

ދިވެހިރާއްޖޭގެ އިޖްތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށްޓަކައި ސަރުކާރުން 2011 ވަނަ އަހަރު ޤާއިމްކޮށްފައިވާ އާސަންދަ ކުންފުނީގެ ވެބް ޕޯޓަލް މެދުވެރިކޮށް މިހާރު ހޯދޭނެ ޚިދުމަތްތަކުގެ ތެރޭގައި، އާސަންދައިގެ އިތުރުން ވެލްފެއާގެ އެހީތެރިކަމަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ހުށައެޅުން، އެޕްލިކޭޝަން ކުރިއަށް ގެންދިއުމަށް އިތުރު ލިޔެކިޔުން ބޭނުންވާ ނަމަ، އެ ލިޔެކިޔުންތައް ޕޯޓަލްގެ ތެރެއިން ހުށަހެޅުމާއި ޑޮކްޓަރުންނަށް ރެކޮމެންޑޭޝަން ފޯމު ޕޯޓަލްގެ ތެރެއިން ފުރައިދެވެވުމުގެ ޚިދުމަތް ވެސް ހިމެނެއެވެ.