ޚިޔާނާތުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލުހުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑަސީ އިލެކްޝަން ކޮމިޝަނުން ބަލައި ނުގަތް މައްސަލަ އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، "ރިޔާސީ އިންތިޚާބަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިމަތިލުމަށް 2023 އޯގަސްޓް 1ގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މއ. ކާމިނީހުޅަނގުގެ" ފޯމިގައިވާ މައުލޫމާތާއި ތަކެތި އެކޮމިޝަނުން ބަލައި ޗެކްކުރިއިރު، "ޤާނޫނުއަސާސީއާއި އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު އަދި ރިޔާސީ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުގެ މަތީން، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން، އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތްވާހަކަ،" އަންގާ ކަމަށެވެ.

ރައީސް ޔާމީންގެ މިފަހަރުގެ ވެސް ރަނިންމޭޓް އަދި އެމަނިކުފާނުގެ ގާނޫނީ ޓީމުގެ އެންމެ އިސްވެރިޔާ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަޙްމަދު ރޭ ފަތިހު ކުރެއްވި އެކްސް (ޓްވީޓް)އެއްގައި  ވިދާޅުވީ، " ސްޕްރީމް ކޯޓަށް ދާދި ދެންމެއަކު ރައީސް ޔާމީނުގެ ކެންޑިޑޭސީގެ މައްސަލަ ހުށަހަޅައިފިން. މިއަދު މިކުރަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތް. އިންޝާﷲ، ޙައްގަތް ނަޞްރު ލިބިގެންދާނެ." ކަމަށެވެ,