އެ މީހެއްގެ އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލާނަމަ، އެ ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އޮންލައިންކޮށް ހުޅުވާލި މުއްދަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައިވާ ގޮތުން މި ފުރުޞަތު ހުޅުވާލާފައިވަނީ ހޯމަ ދުވަހު (31 ޖުލައި 2023)ގެ ރޭ 00:00 އާއި ހަމައަށެވެ. ރިޔާސީ އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުޞަތު ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ.

މިފަހަރު އީސީން ނިންމާފައި އޮތީ، އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީކުރި ފަރާތްތަކުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި މާލޭގައި ވޯޓުލާނަމަ އަލުން ރީ-ރަޖިސްޓަރކުރަން ނުޖެހޭ ގޮތަށެވެ.

އޮންލައިންކޮށް ރީ-ރެޖިސްޓްރީ ކުރުމުގެ މުއްދަތު 2 އޯގަސްޓް 2023ގެ ނިޔަލަށް އިތުރުކޮށްފައިވާއިރު، ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް ކަރުދާސް ފޯމުން ރީ-ރަޖިސްޓްރީވުމަށް ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ އޯގަސްޓް 5 ވާ ހޮނިހިރު ދުވަހެވެ.

އީސީން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށްބަލާއިރު، ޖުލައި 29ގެ ނިޔަލަށް ރީ-ރަޖިސްޓްރީވުމަށް އެދި 11900 އަށްވުރެ ގިނަ ފޯމު ކޮމިޝަނަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް ހުށަހެޅި 8600 އަށްވުރެ ގިނަ ފޯމާއި، ކަރުދާސް ފޯމުގެ ގޮތުގައި ހުށަހެޅުނު 3300 އަށްވުރެ ގިނަ ފޯމު ހިމެނެއެވެ.