ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މަންމާފުޅު، މއ. ކާމިނީގޭ ފާތިމަތު ހަސަން އަވަހާރަވެއްޖެއެވެ.

ރައީސް ޔާމީންގެ މަންމާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދޮންމަންމާފުޅު އަވަހާރަވީ ސިއްހީ ހާލުކޮޅު ދެރެވަގެން ސްރީލަންކާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އެކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ.

 ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވިއިރު އުމުރުފުޅަކީ 86 އަހަރުއެވެ. ރައީސް ޔާމީންގެ އިތުރުން އެކަމަނާގެ 5 ބޭފުޅަކު ތިއްބަވައެވެ.

މަންމާފުޅު އަވަހާރަވީއިރު، ރައީސް ޔާމީން ގެންދަވަނީ އެމްއެމްޕީއާރސީގެ ޚިޔާނާތުގެ މައްސަލައެއްގައި އިއްވާފައިވާ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި އެމަނިކުފާނުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވީ ނަމަވެސް، ކޯޓުގެ ފަނޑިޔާރުންގެ ޗުއްޓީއާ ހެދި އެމަނިކުފާނަށް ވަނީ، އިންސާފާ ހަމައަށް ވާސިލްވުމަށް ހުރަސްތަކެއް ކުރިމަތިވެފައެވެ.