ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޕީޕީއެމް ދޫކުރައްވައި، އަލަށް އުފައްދަވާ ސިޔާސީ ޕާޓީގެ ނަމާއި، ކުލައާއި ލޯގޯ އިފްތިތާޙުކޮށްފިއެވެ. 

ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީގެ ނަމަކީ، "ޕީޕަލްސް ނެޝަނަލް ޕްރަންޓް" (ޕީއެންއެފް)ގެ ނަމުގައި އުފައްދާ އެ ޕާޓީގެ ކުލައަކީ ގަދަ ދަނބުކުލައެވެ. މިއީ އެމަނިކުފާނު އެންމެ ފުރަތަމަ އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެވެސް ކުލައެވެ. އަދި ލޯގޯގައި ވަނީ، ދިވެހި ރުކެއްގެ ފަންތައް ރަމްޒު ކޮށްދޭ ނިޝާނެކެވެ. 

ރައީސް ޔާމީނަށް ތާޢީދުކުރާ ފަރާތްތަކުން ބުނާގޮތުން، ޕީއެންއެފް އުފައްދާން ޖެހުނު މުޙިއްމު މަޤްސަދަކީ، ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއާއި، އެމަނިކުފާނުގެ ޤައުމީ ފިކުރު އޭގެ އަސްލު ގޮތުގައި ކުރިއަށް ގެންދިއުމެވެ. 

ރައީސް ޔާމީންގެ ޤާނޫނީ އިސް ވަކީލު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު މީގެކުރީން ވިދާޅުވެފައި ވަނީ، ޕީޕީއެމް ދޫކޮށްލައްވާން ނިންމެވި ނިންމެވުމަކީ، ރައީސް ޔާމީނަށް ފަސޭހަފުޅު ނިންމެވުމެއް ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަގާމަށް އިންތިޚާބުވިފަހުން، ރައީސް ޔާމީންގެ ފޯނު ނުނަންގަވާކަމަށާއި، އަދި އެ  ޕާޓީގެ ލީޑަރޝިޕުން ރައީސް ޔާމީނާ ވަރަށް ދުރަށް ވަޑައިގެންފައިވާ ކަމަށް ޖަމީލު ވަނީ ވިދާޅުވެފައެވެ. 

"ރައީސް ޔާމީނާ މަޝްވަރާއެއް ނުކުރައްވާ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިއަދު ރައިސް ޔާމީން އެ ޕާޓީގައި ހުންނަވައިގެން ރައީސް ޔާމީނާ މަޝްވަރާ ކުރައްވައިގެން ޕާޓީ ހިންގަން ބޭނުމެއް ނުވޭ،" ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ދެވަނަ ފަހަރު އިޚްތިޔާރުކުރެއްވި ޑރ. ޖަމީލް ވިދާޅުވީ، "ޑރ. މުޢިއްޒާއި ޕީޕީއެމްގެ ލީޑާޝިޕް ވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ބޭވަފާތެރިވެއްޖެ" ކަމަށެވެ. 

(ޕީއެންއެފް)ގެ ޕާޓީގެ މަސައްކަތް ކުރިއަށް ދަނީ "ޔާން ސްޕީޑް"ގައި ކަން ފާހަގަކުރައްވައި އެކަމުގައި އިސްކޮށް ޚަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެފައި ވަނީ، މިހާރު އާ ޕާޓީގެ އަސާސީ ޤަވާއިދުގެ ޑްރާފްޓް ނިމިއްޖެ ކަމަށާއި އަދި ލޯގޯއާއި ޕާޓީގެ ނަން ވެސް ފާސްކުރެވިއްޖެ ކަމަށާއި އާދީއްތަ ދުވަހު ޕާޓީ ރަޖިސްޓްރީކުރާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށެވެ.