މާލެ ސަރަހައްދުގައި ހަލުއިކަމާއެކު ފެތުރެމުން މިދަނީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. މި ބައްޔަށް "ސްޓަމަކް ފްލޫ" އޭ ވެސް ކިޔައެވެ.
އެޗްޕީއޭއިން ބުނީ، "މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް" ކަމަށާއި "މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްހެއް" ކަމަށެވެ. ޚާއްސަކޮށް މި ރޯގާ ބަލިމަޑުކަމަކީ "ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ" ބަލިމަޑުކަމެއް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގިނައިން ހޮޑު ލެވުމާއި ހުން އައުމާއި ބަނޑުގައި ރިއްސުމާއި ވަރުދެރަވުން ފަދަ ކަންކަން ހިމެނެއެވެ. މި ބައްޔަށް "ސްޓަމަކް ފްލޫ" އޭ ވެސް ކިޔައެވެ.
މާލެ ސަރައްހަދުގައި ރޯގާ ބަލިމަޑުކަމެއް ހަލުއިކަމާއެކު ފެތުރިގެންދިޔައީ، ކުޑަކުދީންނާ ޒުވާނުންނާ ދުވަސްވީ މީހުންވެސް ހިމެނޭހެން، އެތަކެއް ހާސްބަޔަކު މިވަނީ މިއަހަރުގެ މިނިވަންދުވަހުގެ ޚަރަކާތްތައް ބަލައިލާން އެއްވުމާ ގުޅެގެންކަމަށް ބެލެވެއެވެ. އެގޮތުން ޖުލައި 27 ވަނަ ދުވަހުގެ ރޭން ފެށިގެން، މާލޭގެ ސިއްޙީ ޚިދުމަތްދޭ ތަންތަން އިމަޖެންސީ ޙަލަތަށް ގެނެސް، އެޗްޕީއޭއިން ވަނީ އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
މިރޯގާއިން ރައްކާތެރިވުމަށް ކުރެވިދާނޭ ކަންތައްތަކުގެ ތެރޭގައި، ގިނަގިނައި ސައިބޯނި ލައިގެން އަތްދޮވުމާއި، ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފުކުރާއިރު ވަރަށް ބޮޑަށް ސަމާލުވުން ހިމެނެއެވެ.
ހޭންޑް ސެނިޓައިޒަރ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
މީގެއިތުރުން، ޓިޝޫ/ޕޭޕަރ ޓަވަލް އިން ސާފުކޮށް، ރައްކާތެރިގޮތުގައި އުކާލުމަށްފަހު، ބްލީޗް އަޅާފައި 5 މިނެޓް ބެހެއްޓެވުމަށާއި އަދި އެއަށްފަހު ބްލީޗް ސާފުކުރުމަށްފަހު ސައިބޯނި/ދޮންނަ ސޮލިއުޝަން ލައިގެން ސާފުކުރުމަށްވެސް އިލްތިމާސްކުރެއެވެ.
ބޭރަށް ހިންމާއި ހޮޑުލުމާއި އަރިދަފުސް ރޯގާއަކީ ސާފުތާހިރުކަމާ ގުޅިފައިވާ. ފަސޭހައިން ފެތުރޭ ބަލިމަޑުކަމަށްވާއިރު މީގައި ކުރުން އެންމެ މުޙިއްމު ކަމަކީ، ރައްކާތެރިކަން އިސްކުރުމެވެ. އެގޮތުން، ގިނަގިނައިން އަތްދޮވުމާއި އަދި ބަލިޖެހިފައިވާ ފަރާތްތަކުން ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތަކާއެކު ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން ހިމެނެއެވެ.
ހޮޑުލުމާއި ބޭރަށް ހިންގުމުގެ އިތުރުން އާދަޔާ ޚިލާފަށް ކަރުހިއްކުމާއި، ކުޑަކަމުދިއުން މަދުވުމާއި ބަނޑުގައި ރިއްސުންފަދަ އަލާމާތްތަކާއެކު ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުންނަކަން ފާހަގަކުރެވޭ ނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަށް ސިއްހީ މާހިރުން ލަފައާއި އިރުޝާދުދެއްވައެވެ.