ގިނަ އަދަދެއްގެ ރައްޔިތުން ތޮއްޖެހިފައިވާ މާލެ ސިޓީ އަކީ މިފަހަކަށް އައިސް އާންމުގޮތެއްގައި ތަފާތު ރޯގާ ބަލިމަޑުކަން ރެކޯޑް ކުރެވެމުން އަންނަ ސިޓީއެކެވެ. ނަމަވެސް، މިއަހަރުގެ މިނިވަންދުވަހުގެ ޚަރަކާތްތައް ބަލައިލާން އެއްވި ކުޑަކުދީންނާ ޒުވާނުންނާ ދުވަސްވީ މީހުންވެސް ހިމެނޭހެން، އެތަކެއް ހާސްބަޔަކު މިވަނީ ގޮތްނޭނގޭ ރޯގާ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓި، ސިއްޙީ ޚިދުމަތްދޭ ތަންތަން އިމަޖެންސީ ޙަލަތަށް އައިސްފައެވެ. އަދި ޢާންމު ރައްޔިތުން ސާފުތާހިރުކަމަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނީ، " ރޭއިން ފެށިގެން ބޭރަށް ހިންގުމާއި ހޮޑުލުން މާލެ ސަރަޙައްދުން ކުއްލިއަކަށް ވަނީ އިތުރުވެފަ،" ކަމަށެވެ. އަދި  "ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސަބަބު ދެނެގަތުމަށް މިދަނީ މަސައްކަތްކުރަމުން،" ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިއީ ކީއްވެގެން ފެތުރިގެން އުޅޭ ރޯގާއެއްކަން ބުނެދޭން އަދި ސިއްހީމާހިރުންވެސް މިވަނީ ނޭނގިފައެވެ. ކަމުގެ އަސްލާ ހަމައަށް ވާސިލް ވުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އައިޖީއެމްއެޗް، ސެނަހިޔާ އަދި އޭޑީކޭގެ އީއާރު ވަނީ ތޮއްޖެހިފައެވެ.

އޭޑީކޭގެ ކުޑަކުދީންގެ ޑޮކްޓަރ ޢަބްދުﷲ ނިޔާފް ވިދާޅުވީ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ކޭސްތައް ރެކޯޑުކުރެވެމުން އަންނަތާ ހަފްތާއެއް ވެއްޖެކަމަށެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދީން ކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ނަމަވެސް ކުއްލިއަކަށް ރޭން ފެށިގެން އެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ ކަމަށާއި، އޭގެ ތެރޭގައި ބޮޑެތިމީހުންވެސް މަދުނަމަވެސް މިހާރު އެބަ ހިމެނޭކަމަށެވެ.

މި ރޯގާއާ ގުޅިގެން އޭޑީކޭގެ އޭ ބްލޮކްގެ އޯޕީޑީ ރޫމްތައް މިހާރު ވަނީ ވަގުތީގޮތުން ސްޕެޝަލް އޯޕީޑީ ޓްރީޓްމަންޓް ރޫމްތަކަކަށް ބަދަލުކޮށްފައެވެ.

ކުޑަކުދީންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވީ، މުޅި މާލެ އޮތީ މި ހޮޑުލުމުގެ ރޯގާގެ ތެރޭގައި ކަމަށާއި، ހޮޑުލާ ކުޑަކުދީންތަކުން ހޮސްޕިޓަލްތަލުގެ އިމަޖެންސީ ރޫމްތައް ފުރިއްޖެ ކަމަށެވެ.

ފައިސަލް ވަނީ ހުރިހާ އެންމެންވެސް، އަވަސް އަވަހަށް އަތްދޮންނަން އާދަކުރުމަށާއި، އަދި އަތްދޮވެގެން ނޫނީ ނުކެއުމަށް އިލްތިމާސްކުރައްވައިފައެވެ. މީގެ އިތުރުން " ހޮޑަށްދޭ ބޭސްކޮޅެއް ދީފައި މަދުމަދުންވިޔަސް އަވަސްއަވަހަށް ދިޔާއެއްޗެހިދެއްވާ"ށާއި " މާވަރުދެރަވެ ހީސްނުލާ 8 ގަޑިއިރުވީމާ ޖެހޭނީ އައިވީ ކޮޅެއްދޭން" ކަމަށްވެސް އޭނާ ލަފާދެއްވައެވެ.

އަސްލު ޓީމަށް ފާހަގަކުރެވުނު ގޮތުން މާލެތެރޭގައި ބެރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް ފެތުރިގެން މިއުޅެނީ، ވޭތުވެދިޔަ ހަފްތާގައި މާލެތޭރޭގައި ފެންބޮޑުވުމާ ގުޅިގެންނެވެ. މީހުން ގިނަވެ، ތޮއްޖެހި ބާރުވެފައިވާ މާލޭގެ މަގުތައް މިއޮންނަނީ މީދަލާއި ބުޅަލާއި އެހެންނިހެން ދޫނިސޫފާސޫފީގެ ނަޖިހުން ފުރިފައެވެ. މިހެން އޮއްވާ ކުއްލިއަކަށް މާލެތޭރޭ ފެންބޮޑުވެ، އޭގެ ފެންގަނޑުތެރޭގައި ކުޑަކުދީންނާއި ބޮޑެތިމީހުން ހިނގާބިނގާވެ، އެއްކަލަ ނަޖިހުގެ އަސަރުކޮށް ރޯގާފެތުރޭން ފެށީއެވެ. ދެންވީ ގޮތަކީ، މި ބޭރަށް ހިންގުމުގެ ރޯގާ ފެތުރެމުން ދަނިކޮށް، މިނިވަން ދުވަހުގެ ޙަރަކާތްތައް ބަލައިލާން މަގުތަކަށް އެއްވި އެތަކެއްހާސް ކުޑަކުދީންނާއި ބޮޑެތި މީހުންގެ ތެރޭންގައި މި ރޯގާ ރަނގަޅަށް ހިންދެމިލީއެވެ.

ބޭރަށް ހިންމާއި ހޮޑުލުމާއި އަރިދަފުސް ރޯގާއަކީ ސާފުތާހިރުކަމާ ގުޅިފައިވާ. ފަސޭހައިން ފެތުރޭ ބަލިމަޑުކަމަށްވާއިރު މީގައި ކުރުން އެންމެ މުޙިއްމު ކަމަކީ، ރައްކާތެރިކަން އިސްކުރުމެވެ. އެގޮތުން، ގިނަގިނައިން އަތްދޮވުމާއި އަދި ބަލިޖެހިފައިވާ ފަރާތްތަކުން ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތަކާއެކު ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން ހިމެނެއެވެ.

ހޮޑުލުމާއި ބޭރަށް ހިންގުމުގެ އިތުރުން އާދަޔާ ޚިލާފަށް ކަރުހިއްކުމާއި، ކުޑަކަމުދިއުން މަދުވުމާއި ބަނޑުގައި ރިއްސުންފަދަ އަލާމާތްތަކާއެކު ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުންނަކަން ފާހަގަކުރެވޭ ނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަށް ސިއްހީ މާހިރުން ލަފައާއި އިރުޝާދުދެއްވައެވެ.