ރާއްޖޭން އެއްކޮށް ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ، ހިމަބިހި ޖެހިފައިވާ ދިވެއްސަކު މާލެ ސަރަހައްދުން ފެނިގެން، އެމީހާއާ ކޮންޓެކްޓް ވެފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ފަށައިފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ހިމަބިހި ޖެހިފައިވަނީ ރާއްޖޭން ބޭރުގައި އުޅުމަށްފަހު ރާއްޖެއައި ދިވެއްސެކެވެ. އަދި އެ މީހާއަކީ މީސްލްސްގެ ދެ ޑޯޒްވެސް ފުރިހަމަކޮށްފައިވާ މީހެއްކަމަށާއި، އޭނާގެ ހާލަތު ހުރިގޮތުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަނަންކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އެޗްޕީއޭއިން ބުނީ، ރާއްޖޭން ނައްތާލެވިފައިވާ ބައްޔެއް ރާއްޖޭން ފެނުމުން އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ބަލިމީހާއާ ކޮންޓެކްޓްވެފައިވާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ވެކްސިން ދިނުމާއި އަދި އެފަރާތްތަކަށް އެކަން އެންގުމުގެ މަސައްކަތްވެސް ކުރަމުން ދާކަމަށެވެ.

ހިމަބިހި ޖެހިފައިވާ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ މުއްދަތުގެ ތެރޭގައި އޭނާ ދަތުރުކޮށްފައިވާތީ، ދަތުރުމަތީގައާއި، ގެއާއި ހޮސްޕިޓަލްގައި އޭނާއާ ކޮންޓެކްޓްވި މީހުންގެ މަޢުލޫމާތު މިހާރު އެއްކުރަމުން އަންނަ ކަމަށާއި އޭގެ ތޭރޭން މީސްލްސް ޑޯޒް ފުރިހަމަ ނުވާފަރާތްތަކަށް ވެކްސިން ދިނުމާއި އަދި ރައްކާތެރިކަމުގެ އިރުޝާދުވެސް ދެމުން ދާކަމަށް އެޗްޕީއޭއިން ބުނެއެވެ.