ރާއްޖޭގެ ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރުމަށްޓަކައި އެކަމަށް އެދޭނެ ޑިޖިޓަލް ޕޯޓަލެއް ފަރުމާކުރަމުން ދާކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މަރިޔަމް ނާސިރު ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވިދާޅުވީ، "އަޅުގަނޑުމެން، މުދައްރިސުންގެ ލައިސަންސަށް އެދި ހުށައެޅުމަށްޓަކާ ޕޯޓަލް އެއްވެސް އެބަ ތައްޔާރު ކުރަނީ. އޭރުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް މުދައްރިސުންނަށް ލައިސެންސަށް އެދި ހުށައެޅޭނެ. ދެން ވީހާވެސް ފަސޭހަ ގޮތަކަށް ޓީޗަރުންނަށްވެސް އަދި އެހެން ބޭފުޅުންނަށްވެސް ވީހާވެސް ފަސޭހަ ގޮތަކަށް ހަމަޖެއްސުމަށްޓަކާ އަޅުގަނޑުމެން އޮންލައިންކޮށް ހުށައެޅޭ ގޮތަށް" ކަމަށެވެ.

އޭނާ ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް ލައިސަންސަށް ހުޅުވާލާނީ، އެކި ޒޯންތަކަށް ބަހާލައިގެން ކަމަށާއި، އެޕްލައިކުރަމުން ދާވަރަކަށް ޑިޖިޓަލް ލައިސަންސް ކާޑު ދޫކުރާނޭކަމަށްވެސް މަރިޔަމް ވިދާޅުވިއެވެ.

މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށާއި ފަންނީގޮތުން ކުރިއަރާފައިވާ އަދި ގިންތި ކުރެވިފައިވާ ބަޔަކަށް އެފަރާތްތައް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، ތައުލީމާ ބެހޭ ވުޒާރާއިން ބުނީ، 2029 ވަނަ އަހަރުން ފެށިގެން މުދައްރިސަކަށް ވެވޭނީ 4 އަހަރުގެ ޑިގްރީއެއް އޮތް ފަރާތްތަކަށް ކަމަށެވެ. ނަމަވެސް މިހާރު ޑިގްރީ ހަދަމުންދާ ދަރިވަރުންނަށް ލައިސަންސް ދޫކުރާނެއެވެ.

މިހާރު ލައިސަންސް ނެތް މުދައްރިސުން މިފެށޭ ދިރާސީ އާ އަހަރުގެ ދެވަނަ ޓާމް ފެށުމުގެ ކުރިން ލައިސެންސް ނަގާން ޖެހެއެވެ. އޭގެފަހުން ލައިސެންސް ނެތި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ.