ކޭޝިއަރުންނާއި ސޭލްސްމަނުންގެ ބޭނުމަކާ ނުލައި، ކަސްޓަމަރު ފިހާރައަށް ގޮސް ވިޔަފާރި ކުރެވޭގޮތަށް ރާއްޖޭގައި މިހާތަނަށް ހުޅުވި ފުރަތަމަ "ސްމާޓް ސްޓޯރ"، ރައްޔިތުންގެ ވިޔަފާރި ކުންފުނި ކަމަށްވާ، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، (އެސްޓީއޯ)އިން ހުޅުވައިފިއެވެ.

ހުޅުމާލޭގައި އެސްޓީއޯގެ ފިހާރަ ކުރިން ހުރި ތަނުގައި ހަދާފައިވާ ސްމާޓް ސްޓޯރު ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި، އެ ކުންފުނީގެ ސްމާޓް ސްޓޯރުގައި އަލަށް ކުރިއަރަމުން އަންމަ 2 ޓެކްނޯލޮޖީއެއް ކަމަށްވާ، އާޓިފިޝަލް އިންޓަލިޖެންސްގެ ވިޝަންއާއި، އައިއޯޓީ ބޭނުންކޮށްގެން ފިހާރައިގައި ކޭޝިއަރަކު ނެތި ކަސްޓަމަރު ވަދެ ޓްރާންސެކްޝަން ނިންމާފައި ނިކުމެގެންދާ ޕްރޮސެސް އެކުލެވިގެން ވެއެވެ.

 

ސްމާޓް ސްޓޯރުން ވިޔަފާރިކުރާން ބޭނުންވާ ފަރާތްތަކުން، ފިހާރައަށް ދިއުމުގެ ކުރީން ސްމާޓް ސްޓޯރުގެ އެޕްލިކޭޝަން ސެޓަޕް ހަދާން ޖެހެއެވެ. އަދި ފިހާރައަށް ވަދެވޭނީ، ކިއުއާރ ކޮންސެޕްޓް ނުވަތަ ފޭޝަންލ ރިކޮގްނިޝަން ބޭނުންކޮށްގެންނެވެ. އެހެންކަމުން މި ފިހާރައިން ވިޔަފާރިކުރާން ރެޖިސްޓްރީވެފައިވާ ފަރާތްތަކުން ކޮންމެހެން ބޮލެޓް ގެންގުޅުންވެސް މަޖުބޫރެއް ނޫނެވެ. ފޯނުން ސެޓަޕް ހަދާފައި ވާނަމަ، ކަސްޓަމަރު ފިހާރައަށް ވަދެ ވިޔަފާރިކޮށްގެން ދިއުމުން އޭނާ ކުރި ވިޔަފާރިއަށްވާ ފައިސާ އޭނާގެ އެކައުންޓުން ކަނޑާލާނެއެވެ. އެސްޓީއޯއިން ބުނގޮތުން،  ބޭނުންވާ ޕްރޮޑަކްޓެއް ހިފައިގެން ނިކުންނަތާ މަދުވެގެން 10 ނުވަތަ 15 ސިކުންތުގެ ތެރޭގައި ފައިސާ ރަސީދު ލިބޭނެއެވެ. އެހާވެސް ފަސޭހައެވެ.

 

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ،  "މި ފިހާރަ ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ މި ތައާރަފްކުރާ ޓެކްނޮލޮޖީގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށާއި އަދި އާންމު ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދިއުން" ކަމަށާއި " މިތަނުން ތަޖުރިބާ ކުރެވެމުންދާ ޓެކްނޮލޮޖީއަކީ ވިޔަފާރި ކުރައްވާ އެހެން ބޭފުޅުންނަށް އެކި ގޮތްގޮތައް ބޭނުންކުރެވޭނެ ޓެކްނޮލޮޖީއެއްކަމަށް" ދެކޭ ކަމަށެވެ.

އެސްޓީއޯ ސްމާޓް ފިހާރައަކީ ކަސްޓަމަރުންގެ ހަރަކާތްތަކާއި، ނަގާ މުދާވެސް ވަކިވަކީން ދެނެގަނެވޭ ގޮތަށް ފަރުމާކޮށްފައިވާ ސަލާމަތީ ގޮތުންވެސް ވަރުގަދަ ފިހާރައެކެވެ. އެގޮތުން ފިހާރައިގައި ގިނަ ޢަދަދެއްގެ ކެމެރާއާއި ސެންސަރުތައް ހަރުކޮށްފައި ވާނޭ ކަމަށް އެސްޓީއޯއިން ބުނެއެވެ.