ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރުފުރޭ، 59 ވަނަ މިނިވަންދުވަހުގެ މުނާޞަބަތުގައި އެހެން ފަހަރު ތަކެކޭ އެއްގޮތަށް މިއަހަރުވެސް ހެވިކަމުގެ ހަރަކާތްތަކާއި، ޝަރަފްގެ ހިނގާލުން އަދި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފިއެވެ.

މިނިވަންދުވަހާ ގުޅުވައިގެން ބޭއްވި ކުލަގަދަ ހަރަކާތްތައް އޮތީ. ރޭ ރަސްމީ ދަނޑުގައއެވެ. މި ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާއި ދައުލަތުގެ އިސްފަރާތްތަކާއި އަދި ޢާންމުންގެ ގިނަ ބަޔަކުވެސް ދަނޑަށް ހާޒިރުވިއެވެ.

 

މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތަކުގައި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯއިން ބޭއްވި ޝަރަފްގެ ހިނގާލުމުގައި މާލޭގެ 14 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އަދި ކުޅިވަރު ހަރަކާތްތައް ހުށައަޅާފައި ވަނީ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިތުރުން، ހުޅުމާލެ ޖޫނިއަރ އަދި ސީނިއަރ ގުރޫޕުންނާއި، މާލޭގެ ހެންވޭރާއި މާފަންނުގެ ދެގުރޫޕުންނާއި، ކ. ކާށިދޫ ރައްޔިތުންގެ ފަރާތުންނާއި، ހއ. ވަށަފަރު ރައްޔިތުންގެ ފަރާތުން އަދި ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުގެ ފަރާތުންނެވެ.

 

މިއަހަރަކީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރުނު އަހަރެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ، 26 ޖުލައި 1965 ގައެވެ.