ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުންގެ ހިއްވަރާއި ފަންވަރުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

އަވައްޓެރި އިންޑިއާގެ ނުފޫޒު އިންތިޚާއަށް ޜާއްޖެއަށް ފޯރާފައިވާ ކަމަށް، އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތުކުރަމުން އަންނަ މިދަނޑިވަޅުގައި މިއަދު ފާހަގަކުރާ ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ޚިޠާބުގައި ވިދާޅުވީ، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކަނޑައަޅާފައިވާ އެންމެ ވަރުގަދަ ޢަޒުމަކީ، އިސްލާމް ދީނާއި ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީޚާއި ސަގާފަތުގެ އެއްގޮތް ކަމާއި ސިޔާދަތީ މިނިވަންކަމާއި، އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ޞުލްޙަ މަސަލަސްކަން ހިމެނޭގޮތުން ދިވެހި ޤައުމިއްޔަތުގެ މި އަސާސްތައް ޙިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށެވެ. 

ބައިނަލްއަޤުވާމީ މުޖްތަމަޢުގައި އިތުބާރު ކުރެވޭ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން މިއަދު ލިޔެވިފައިވަނީ، އެންމެ ފުރިހަމަ މާނައިގެ މިނިވަން ޤައުމެއްގެ ގޮތުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް ވަނީ، ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބާގެ ތަހުނިޔާއާ ހެޔޮއެދުންތައް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، އަރިސްކުރައްވާފައެވެ.