ދިވެހިރާއްޖޭގައި އެންމެ ފަހުން މި ފާހަގަކުރީ 59 ވަނަ މިނިވަން ދުވަހެވެ. އިނގިރޭސީންގެ އަޅުވެތިކަމުން ރާއްޖެއަށް މިނިވަންކަން ލިބުނުތާ 58 އަހަރު ފުރުނީއެވެ. އަމިއްލަވަންތަކަމާއެކު ދިވެހީން ވެރިކަންކުރަމުން އަންނަތާ ބައި ގަރުނާ 8 އަހަރު ފާއިތުވީއެވެ. ރާއްޖޭގެ ވެރިކަމުގައި މިއަދު ހުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވާގޮތުން، ފާއިތުވީ 58 އަހަރު ތެރޭގައިވެސް މިދިޔަ ފަސް އަހަރަށްވުރެ ފުރިހަމަ ގޮތެއްގައި މިނިވަންކަން އޮތް ފަސް އަހަރެއް ދިވެހީންނަށް ފެނިފައެއް ނުވާނެއެވެ. އެއީ ހަމަ ތެދަކަށްވެސް ވެދާނެއެވެ. ނޫނީ އެމަނިކުފާނާއި އެމަނިކުފާނަށް ތާޢީދުކުރާ ފަރާތްތަކުން ގަބޫލުފުޅުކުރައްވާ ގޮތްކަމަށްވެސް ވެދާނެއެވެ. 

އެއީ ރައީސް އިބްރާހީމް މަޖަލަކަށް ހައްދަވައިގެން ދެއްކެވި ވާހަކަފުޅެއް ނޫނެއެވެ. ހަމަ ވަރަސް ސީރިއަސްކޮށް ދެއްކެވި ވާހަކަފުޅެކެވެ. މިނިވަން ދުވަހު އެމަނިކުފާނު ދެއްވި ޚިޠާބުގައި ވިދާޅުވި ވާހަކަފުޅެކެވެ. މިފަދަ ހަފްލާއެއްގައި އިތުރުފުޅެއް ނުހައްދަވާނެއެވެ. ކުރިއަށް އޮތީ ރާއްޖޭގެ ރިޔާސީ އިންތިޚާބެވެ. އެހެންކަމުން މިހާރު ސިޔާސީ ފަރާތްތަކުން ވާހަކަފުޅުދައްކަވާނީ ފިސާރި ވިސްނުންތެރިކަމާއެކު ކަން ޔަގީނެވެ.

ރާއްޖޭގެ މިނިވަންކަން އޮތް ހާލަތަށް ބަލަމާ ހިނގާށެވެ. ރައީސް ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ އަލީގައެވެ. ފަހަރެއްގައި އަޅުގަނޑަށް މަންޒަރު ސިފަވާގޮތް އެއީ އެހެން ބޭފުޅުންނަށް ސިފަވާގޮތް ނޫންކަމަށްވެސް ވެދާނެއެވެ. އެހެންކަމުން މިވާހަކަތަކާ އެއްބަސް ނުވާނަމަ އެވާހަކަ ދައްކާށެވެ. އެއްބަސް ވާނަމަ އެވާހަކަވެސް ދައްކާވާން ވާނެއެވެ.

ރައީސް އިބްރާހީމް ވިދާޅުވީ، "ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ޤާއިމުވެފައި އޮތް ފަސް އަހަރު" ކަމަށެވެ. އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވި ފުރަތަމަ ކަމަކީ "ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމައަށް ރައްކާތެރިކުރެވުނު ފަސް އަހަރު" އެވެ. އަދި ދެވަނައަށް ފާހަގަކުރެއްވީ، " ޚާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު" ކަމެވެ.

ރައީސް އެވިދާޅުވި ވާހަކަފުޅަކީ، ސިޔާސީ ގޮތުން އެމަނިކުފާނާ އިދިކޮޅު ފަރާތްތަކަށް ދެއްވި ރައްދެއްކަމަށް ބެލެވެއެވެ. އެގޮތުން ވޭތުވެ ދިޔަ ދައުރުތަކުގައި ރާއްޖޭގެ ސިޔާސީ މިނިވަންކަން ދަމަހައްޓާފައިވާ ގޮތަށް ބަލައިލުންވެސް ރަނގަޅެވެ. ބައިގަރުނުގެ ސިޔާސީ ހަޔާތުގައި ރާއްޖެ ދުށް އެންމެ ދިގު ވެރިކަމަކީ މައުމޫނު ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ ދުވަސްވަރެވެ. އެދުވަސްވަރަކީ، މިއަދުވެސް ސިޔާސީ ބޭފުޅުން މިސާލުޖައްސަވާން ގެންގުޅުއްވާ 30 އަހަރެވެ. މައުމޫނާ އެއްކޮޅެއް އިދިކޮޅެއް ކިޔާނެކަމެއް ނެތެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ގެންގުޅުނީ އެއްވެސް ގައުމެއް ބާކީ ނުކުރާ، ވަކިކޮޅަކަށް ނުޖެހޭ ތިލަފަތް ހަމަހަމަ ޚާރިޖީ ސިޔާސަތެކެވެ.

ދެން އައީ، ރައީސް މުޙައްމަދު ނަޝީދާއި ރައީސް މުޙައްމަދު ވަހީދު ޙަސަން ވެރިކަންކުރެއްވި 5 އަހަރެވެ. ރައީސް ނަޝީދުގެ ސިޔާސީ ގުޅުންތައް ކޮންމެވެސް ވަރަކަށް އަވައްޓެރި އިންޑިއާއާ ތަންކޮޅެއް ގާތްކޮށް، އަދި ހުޅަނގާ ވަރަށް ގާތްކޮށް ގެންގުޅުއްވިއެވެ. އެ ދައުރުގެ ފަހުބައި ފުރުއްވީ ރައީސް ވަޙީދެވެ. އިންޑިއާއާ އެކު ރައީސް ނަޝީދު ގެންގުޅުއްވި ގުޅުންތައް ކުޑަކޮށް ހީނަރުވީ ނަމަވެސް، އެހެން ގައުމުތަކާއެކު އަލުން ގުޅުންތައް ބަދަހިކޮށް، މައުމޫނު ދައުރުގެ ސިޔާސީ ބެލަންސް ގެނެވޭތޯ މަސައްކަތް އޭރު ފެށިގެން ދިޔައެވެ. ދެންއައީ ރައީސް ޔާމީނުގެ 5 އަހަރެވެ. ސަބަބުތަކަކާ ހުރެ، ރައީސް ޔާމީނުގެ ޒަޢާމަތަކީ، ސިޔާސީ ގޮތުން ރާއްޖެ ދުށް، ހުރިހާގޮތަކުން ވެސް އެންމެ ހަލަބޮލި ދުވަސްވަރޭ ބުނެވިދާނެއެވެ. މި ދައުރު ވެގެން ދިޔައީ، ހުޅަނގާއި، އިންޑިއާއާ އެކު ރައީސް ނަޝީދު ގެންގުޅުއްވި އާދަޔާ ޚިލާފް ގާތް ގުޅުން އެހެން ލެވެލެއްގައި ހީނަރުވެގެން ދިޔަ ދައުރަކަށެވެ. އޭގެ ބަދަލުގައި ރައީސް ޔާމީނު ބޮޑަށް ގާތްވީ ޗައިނާ އާއި މެދުއިރުމަތީގެ އިސްލާމީ ގައުމުތަކާއެވެ. އަދި އޭޝިއާގެ އެހެނިހެން ގައުމުތަކެވެ.

މަތީގައި ފާހަގަކުރެވުނު 40 އަހަރު ތެރޭގައި ރާއްޖޭގެ މިނިވަންކަމާ، ފާޅުކަން ބޮޑުގޮތެއްގައި ތޮޅެފައިވަނީ، ރައީސް މައުމޫނުގެ ޒަޢާމަތުގެ ކުރީކޮޅުގައެވެ. އެއީ ދިވެހީން ފާހަގަކުރާ ނަސްރުގެ ދުވަހެވެ. 1987 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހީންގެ ތެރޭން ވެރިކަމާހެދި ފެންބޮވައިގެންފައި ތިބި ޣައްދާރުންތަކެއް ކުލީ ސިފައިން ގޮވައިގެން މާލެއަރައި ދިވެހި އަސްކަރިއްޔާއާ އާންމުން ހިމެނޭގޮތަށް 19 ދިވެހީން ޝަހީދުކޮށްލި ބިރުވެރި ދުވަހެވެ. ނަމަވެސް މިއީވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ހެދި ނޫނީ ބޭރުގެ ގައުމަކުން ރާއްޖެއަށް ދަހިވެތިވެގެން ކުރިކަމެއްކަން އެނގޭކަށް ނެތެވެ. އެހެނީ އިންޑިއާއިން ވަނީ، ރައީސް މައުމޫނުގެ ގޮވާލެއްވުމަށް ވަގުތުން އިޖާބަދީ އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އެހީއަށް ރާއްޖޭން މަދަދަށް އެދުނު އެހެން ފަރާތްތަކުން ވެސް ތިބީ އެހީގެ އަތް ދިއްކޮށްލާން ތައްޔާރަށެވެ.

ދެން ފާއިތުވެ ދިޔަ ދުވަސްތަކުގައި ރާއްޖޭގެ މިނިވަންކަމާ ތޮޅޭން، ފިކުރީ ލަޝްކަރުތަކާއި ވަކިވަކި ފަރާތްތަކުން ވެސް މަސައްކަތްތަކެއް ނުކުރެއެކޭ ނުދަންނަވަމެވެ. އެހެން ނަމަވެސް، ދިވެހީންގެ ދީނާއި ރިވެތި އަޚްލާގަށް ހުރަސް އެޅޭފަދަ، ހައްދެއް ނެތް މިނިވަންކަމަކަށް ގޮވާލާތީ، ރައީސް ޔާމީނުގެ ދައުރުގައި ރާއްޖޭން ހުޅަނގާ ފެއަށް ޖެހުނެވެ. އަދި އެފަރާތްތަކާ ޚާރިޖީ ގުޅުންވެސް ހީނަރުވިއެވެ. ނަމަވެސް އެއަށްވުރެ ވަރުގަދަ ޚާރިޖީ ގުޅުންތަކާއެކު ރާއްޖޭގެ އިޤްތިޞާދާ ތަރައްގީއަށް ހަމަ ޔަގީނުންވެސް އޭގެ ކުރީންގެ 35 އަހަރުގައި ވެސް ނުލިބޭފަދަ ބޮޑު ބަދަލުތަކެއް ފެނިގެން ދިޔަކަމީ އެންމެވެސް ގަބޫލުކުރާ ހަގީގަތެކެވެ. ބޭރުގެ އެހީތެރިކަމުގައި ހިންގި ބިޔަ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނިގެން ދިޔަ އުމްރާނީ ކުރިއެރުންތައް އެހެރީ ފެންނާށެވެ. ރައީސް ނަޝީދާއި ރައީސް ވަހީދުގެ ދައުރުގައި ވެސް ރާއްޖޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށް ގެންދިޔައެވެ. ޚާސަކޮށް ރައީސް ނަޝީދުގެ ސަރުކާރުން ގެންގުޅުއްވި ޓެކްސްގެ ސިޔާސަތުތަތާއި، ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ފާހަގަކޮށްލާން ޖެހެއެވެ.

ދެން އޮތީ މި ފަސް އަހަރުގެ ވާހަކައެވެ. ރައީސް އިބްރާހީމްގެ އެންމެ ގާތް ޚާރިޖީ އެކުވެރިޔާގެ ވާހަކައެވެ. އަވައްޓެރި އިންޑިއާއެވެ. ރާއްޖޭން ގެންގުޅެނީ "ފުރަތަމަ އިންޑިއާ" ސިޔާސަތެވެ. އެހެން ގައުމުތައް އަންނާނީ އޭގެ ފަހަތަށެވެ. މި ސަބަބުތަކާ ހުރެ، އިންޑިއާގެ އެހީތެރިކަން ރައީސް އިބްރާހީމަށް އޮހެނީއެވެ. ތެދަކަށް ވެދާނެއެވެ. އެކި ކަންކަމުގައި ރާއްޖެއަށް އެހީތެރިވެދިނުމަށް، އަވައްޓެރި އިންޑިއާ އޮތީ ދެފައި އެއްތާ ޖަހާނުލެވޭ ހާލަތުގައެވެ. ރާއްޖޭގެ ތަރައްގީއަށް އިންޑިއާގެ ބޭންކުތަކުން ހެސްކިޔާފައި ލޯނުތައް ދެނީއެވެ. ބޯހިޔާވެހިކަމާ، ބިންހިއްކުމާ ބްރިޖްއެޅުންފަދަ ކުރިއަށް ނުދާ ބޮޑެތި ޢުމްރާނީ މަޝްރޫޢުތަކަށެވެ. ނަމަވެސް، މިއިން އެއްވެސް މަސައްކަތެއް އިންޑިއާ ކުންފުންޏަކުން ނޫނީ ކޮށްގެން ނުވެއެވެ. ބައެއް މަޝްރޫއުތައް އިންޑިއާ ހައިކޮމިޝަނުން އިއުލާނުކޮށްފައި އެބަހުއްޓެވެ. އަސްކަރީ އެއްބާރުލުމާ ތަމްރީނުތަކުގެ ނަމުގައި އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ބަނޑަހަޖަހައިފިއެވެ. ރާއްޖޭގެ ދެކޮޅާއި މެދުތެރޭން އިންޑިއާގެ އަސްކަރިއްޔާއަށް ޚާއްސަ ސަރަހައްދުތައް ކަނޑައެޅިއްޖެއެވެ. ނަމަވެސް ކުރީގެ ސަރުކާރުތަކުން އެހީ ހޯދި އެއްވެސް ގައުމެއްގެ "އަސްކަރީ ޝައުގުވެރިކަން" ރާއްޖޭގައި ފެންނާކަށް ނެތެވެ.

ރައީސް ދެން ދެއްކެވި ވާހަކަފުޅަކީ، "ދާޚިލީ މިނިވަންކަން އެންމެ ފުޅާގޮތެއްގައި ލިބިދެވުނު ފަސް އަހަރު. ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު."ގެ ވާހަކައެވެ.

އާނއެކެވެ. ރައީސް ވިދާޅުވިހެން، މިނިވަންކަމުގެ ޙަޤީޤީ އުފަލަކީ، އެ މީހެއްގެ ޒާތަށް ލިބެންޖެހޭ މިނިވަންކަން ޙާޞިލުވުމުގެ އުފަލެވެ. މިނިވަންކަންމަތީގައި ޤައުމު ދެމިއޮތަސް، ޤައުމީ ދިދައިގެ ހިޔަލުގައި ވެގެން އުޅޭ ރައްޔިތުންގެ ޒާތަށް ލިބެންޖެހޭ މިނިވަންކަމަކީ މުޅިން ތަފާތު އެއްޗެކެވެ. އެއީ އެ ފަރުދެއްގެ ދިރިހުރުމާއި ދިރިއުޅުމުގެ ޙައްޤާ ގުޅިފައިވާ އަސާސީ އަދި ޒަރޫރީ މުހުތާދުތައް ފިލުވޭނެ ގޮތް، ހަމަ ކޮންމެ ރައްޔިތަކަށް ދައުލަތުގެ ފަރާތުން ހަމަޖައްސައިދީފައި އޮންނަ އޮތުމެވެ. އެހެނަސް މިކަން ދަނީ ހަމަ މިހެންތޯ ބަލައިލާން ވާނެތާއެވެ.

ހާލަތުގެ ޝިކާރައަކަށްވެގެން ނަމަވެސް މިއަދު ދިވެހީން ދެކެމުން މިދަނީ މިއިން ޒަމާނަކުވެސް ނުދެކޭފަދަ ދަތި ދުވަސްތަކެކެވެ. ތަކެތީގެ އަގު އިންތިހާއަށް އުފުލިއްޖެއެވެ. ރައީސް ވިދާޅުވަނީ ނޫފުލޭ ކަމަށެވެ. ނަމަވެސް ރައީސަށް މައުލޫމާތު ދޭ ފަރާތްތަކުން މައުލޫމާތު އޮޅުވާލިޔަސް ކަންމަތީ ފިހާރައަށް، ނުވަތަ އެސްޓީއޯ ޓްރޭޑް ސެންޓަރަށް ވިޔަފާރިކުރާން ދާ މީހާގެ ޖީބު ބުނެދެނީ މުޅިން ތަފާތު ވާހަކައެކެވެ. މަޖީދީ މަގު ފިހާރަތަކަށް ދިޔައިމަ ސޭޓުން ކިޔައި ދެނީ ތަފާތު ވާހަކައެކެވެ. ބަނގުރޫޓުވެގެން ދިޔަ ހޮޓާ ރެސްޓޯރަންޓްތަކުގެ ވެރީންނާ ދިމާވީމާ ކިޔައިދެނީ ރައީސް ދައްކަވާ ވާހަކަފުޅާ ދިމާ އިދިކޮޅު ވާހަކަތަކެވެ. ގައުމު ދަރަނިވެރިވެއްޖެއެވެ. ޒަމާނަކު ނުދެކޭފަދަ ބޮޑު ބިޔަ ދަރަނިތަކެއް ބޮލުގައި އަޅައިފިއެވެ. ރެކޯޑުތައް އެހެރީ ފެންނާށެވެ.

ދެން ހުރި ކަންކަމަށްވެސް ބަލަމާހިނގާށެވެ. ދިވެހީން ކިޔާ ފެހި ގާނޫނުއަސާސީން ރައްޔިތުންނަށް ހޯދައިދިން އެންމެ ބޮޑު އެއް މިނިވަންކަމަކީ، އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމެވެ.

މީގެ ތެރޭން އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ވޭތުވެ ދިޔަ 5 އަހަރު އޮތީ ޤާނޫނުހަދާ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވައި ވީނުވީއެއް ނޭނގޭ ހާލަތުގައެވެ. ރާއްޖޭގެ ސިޔާސީ ޚަރަކާތްތައް ހިންގާ މައި މަރުކަޒަކީ މާލެއެވެ. އާންމު ގޮތެއްގައި ރާއްޖޭގައި ސިޔާސީ އެއްވުންތަކާއި މަގުމަތީ ޚަރަކާތްތައް މިދިޔަ 20 ވަރަކަށް އަހަރު ތެރޭ އެންމެ ގަދައަށް އޮންނަނީ ރައީސް ނަޝީދު އުފެއްދެވި އެމްޑީޕީ ފިކުރު، ވެރިކަމާ ދުރުގައި އޮންނަ ދުވަސްވަރުގައެވެ. އެފަދަ ދުވަސްވަރެއް ނަމަ، ސަރުކާރަށް އޮބި ނޯންނަވަރަށް ސިޔާސީ ޚަރަކާތްތައް ބާއްވައެވެ. އެނޫންދުވަސްވަރަކަށް ދެން މިފެނުނީ މި 5 އަހަރު ތާއެވެ. މި 5 އަހަރު ތެރޭ ސަރުކާރާ އިދިކޮޅު ފަރާތްތަކުން، ވެރިކަމާ ދެކޮޅަށް، ނުވަތަ އެފަރާތްތަކުގެ ސިޔާސީ ލީޑަރުންގެ ހައްގުގައި އަޑުއުފުލާން އެއްވީ މަދުފަހަރެއްގައެވެ. އެނޫނީ އެއްވެލާ ކޮންމެ ފަހަރަކު އެސްއޯ ފުލުހުންނާ ކުރިމަތި ނުލާ އެންމެ ފަހަރެއްވެސް ނުދެއެވެ. މިހާރު އެކަން އޮތީ އިންތިހާއަށް ގޮސްފައެވެ.

އެންމެފަހުން ރައީސްގެ ކެމްޕޭން ދަތުރުފުޅުތަކާ ދިމާކޮށް، އަޑުއުފުލާ ފަރާތްތަކަށް ދާޚިލީ ވަޒީރު އިންޒާރުވެސް ދޭންފެށީއެވެ. މިރާއްޖޭގައި ސިޔާސީ ޙަރަކާތް ހިންގާކަށް ދެން ޖާގައެއް ނުދޭނެކަމަށް ވިދާޅުވީއެވެ. "ސިޔާސީ ޙަރަކާތް ހިންގުމަށް އަބަދުކުރާން އޮތް ކަމަކީ މުޒާހަރާކުރުން ކަމަކަށް ނުދޭނަން." ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވެފައި ވަނީ "ޑިމޮކްރެޓްސް ބޭފުޅުން ކަމަށް ވިޔަސް، ޕީޕީއެމް ބޭފުޅުން ކަމަށްވިޔަސް، އެނޫން ޕާޓީއެއްގެ ބޭފުޅުން ކަމަށް ވިޔަސް، އަޅުގަނޑުމެން ރަށްރަށަށް އަރާއިރުގައި ތިސަކަރާތް ޖަހާން ދެން ނަހައްދަވާ. ހުރިހާ ރަށަކުން. އިނގޭތޯ. ތިސަކަރާތް ޖަހަން ހައްދަވައިފިއްޔާ، އަޅުގަނޑުމެން މާ ވަރުގަދަވާނެ." ކަމަށެވެ.

އެކަން ދައްކައިފިއެވެ. ރައީސް ކެމްޕޭން ދަތުރުފުޅަށް ފުވައްމުލައް ސިޓީއަށް ވަޑައިގަތް ދަތުރުފުޅާ ދިމާކޮށް މުޒާހަރާކުރި ފަރާތްތަކާ ކުރިމަތީ ރަޔަޓް ފުލުހުންނެވެ. ދ. އަތޮޅު ކުޑަހުވަދުއަށް ވަޑައިގަތް ދަތުރާ ދިމާކޮށް އަމިއްލަގޭގައި ރައީސް އިބްރާހީމާ ދެކޮޅަށް ޝުޢޫރު ފާޅުކުރާން ހުރި އެރަށުގެ ކައުންސިލް މެންބަރު ފުލުހުން އެގެއަށް ވަދެ "އުފުރާލީ"އެވެ. 

ދެންއޮތީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކައެވެ. ރާއްޖޭގެ މީޑިއާތައް ހިންގަނީ އިސްތިހާރުކޮށްގެން ލިބޭ އާމްދަނީއަށް ބަރޯސާވެގެންނެވެ. ނޫނީ ކޮންމެވެސް ވިޔަފާރިވެރިއެއްގެ އުނގަށް ވެއްޓިގެންނެވެ. ނޫސްތަކަސް މައިގަނޑު އާމްދަނީ ލިބޭނީ ސަރުކާރު ކުންފުނިތަކުންނެވެ. ސިޔާސަތުތައް ބައްޓަންކުރެވިފައި ހުރީ ސަރުކާރާ ދެކޮޅަށް ބަސްބުނާ ކޮންމެ ނޫހެއް އިނދަޖައްސާލާ ގޮތަށެވެ. އެއީ ސަރުކާރު ކުންފުންޏަކުން އެފަދަ ނޫހަކަށް ލިބޭނޭ އެހީތެރިކަމެއް ނެތީމައެވެ. ވޭތުވެ ދިޔަ 5 އަހަރު ތެރޭ އިދިކޮޅު އިހްތިޖާޖުތަކާއި މުޒާހަރާ ކަވަރުކުރާން ބޮޑެތި މީޑިއާތަކުން ނުދަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެހެންކަމުން އިދިކޮޅުގެ އަޑު މިދިޔަ 5 އަހަރު ތެރޭ އިއްވޭނޭ ފުރުސަތުވެސް އޮތީ ހަނިވެފައެވެ. މީގެ ދުވަސްކޮޅެއް ކުރީން އިދިކޮޅުން ޖުމްހޫރީ މައިދާނަށް އެއްވި ދުވަހު އެތަނަށް ދިޔަ ނޫސްވެރީންނަށް ކުރިމަތިވި އަނިޔާއާ ހުރަސްތަކަކީ ރާއްޖޭގެ ނޫސްވެރިކަން އޮތް ހާލަތު ވަރަށް ރަނގަޅަށް އަންގައިދޭ އަނެއް މިސާލެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް، މާ ބޮޑު ކަމަކަށް ހަދައިގެން މިހާރު މީޑިއާތަކުން އެބަ ގެނޭހެއްޔެވެ. ނޫސްވެރީން އެވާހަކަތައް ލިޔާން ބޭނުންވެއެވެ. އެކަމަކު ނޫސްވެރިކަން އޮތީ މާލީ ކަސްތޮޅެއް އަޅައި ހިޞާރުކޮށްފައެވެ.  

ކުރީންވެސް ބުނި ފަދައިން، މިއީ އެހެން ބޭފުޅުންނަށް ކަންކަން ސިފަކުރެވޭ ގޮތަށް ނުވެދާނެއެވެ. ނަމަވެސް، ތަފާތު ދާއިރާތަކުގެ މިނިވަންކަމުގެ ވާހަކަ ދައްކާއިރު، އަދި ގައުމުގެ އެންމެ އިސްވެރިޔާ، އަހަރެމެންނަށް މިނިވަންކަން އޮތް ހާލަތު އެހާ ސާދާކޮށް، އޮމާންކޮށް ވިދާޅުވެދެއްވާއިރު ހަގީގަތާމެދު ވިސްނާލުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. އެހެނީ ސިޔާސީ ފަރާތްތަކުން އަބަދުވެސް ވާހަކަ ދައްކާނީ އެފަރާތްކުގެ މަސްލަހަތު އެންމެ ފުރިހަމައަށް ހިމާޔާތް ކުރެވޭ ގޮތަށެވެ. ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް ހެވެވެ. ވޯޓުލާ ދުވަސް ކުޑަތަން ވަނީއެވެ. އެންމެ ރަނގަޅު ކެނޑިޑޭޓަކު ކަނޑައަޅާންވެސް މިއީ ވިސްނާލުން މުހިއްމު ކަންތައްތަކެވެ.