މާލޭގައި މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ރޯގާ ބަލިމަޑުކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ހުކުރު ދުވަހުގެރޭ ނުހުޅުވައި ފަސްކުރި "މިނިވަން އުފާ ކާނިވާ" ހޮނިހިރު ދުވަހުގެ ރޭ ހުޅުވައިފިއެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކްގައި ތައްޔާރުކޮށްފައިވާ ކާނިވާ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

ހަވާއެރުވުމުގެ ކުލަގަދަ ހަފްލާއަކާއެކު ސެންޓްރަލް ޕާކުގައި ހުޅުވިގެން ދިޔަ މި ފޯރިގަދަ ކާނިވާ މިދުވަސްވަރު ހުޅުވުމުން އާންމުންގެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ސަބަބަކީ، މިނިވަންދުވަހުގެ ހެވިކަމުގެ ކަރަކާތްތައް ބަލައިލާން އެއްވި ގިނަ ބަޔަކަށް، މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ނޯރޯވައިރަސް ޖެހި މާލެ ސަރަހައްދުގެ ގިނަ ހޮސްޕިޓަލްތައް މިދެދުވަހުވެސް ފުރި ބާރުވެފައި އޮތުމުންނެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ "މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް" ކަމަށާއި "މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްހެއް" ކަމަށެވެ. ޚާއްސަކޮށް މި ރޯގާ ބަލިމަޑުކަމަކީ "ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ" ބަލިމަޑުކަމެއް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި އާބަންކޯ ގުޅިގެން ކުރިޔަށް ގެންދާ މި ކާނިވާ ކުރިޔަށްދާނީ، މިރެއިން ފެށިގެން، އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ރޭގެ ނިޔަލަށެވެ.

ކާނިވާ ހުޅުއްވައިދެއްވުމަށް ރައީސް އިބްރާހީމާއި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ވަޒީރުންނާއި ކުންފުނިތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއިރު މިކާނިވާ ބަލައިލުމަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންވެސް އެތަނަށް ޖަމާވިއެވެ.