މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރާން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ "މިނިވަން އުފާ" ކާނިވާ، ކުލަގަދަ ހަފްލާއަކާއެކު ނިންމާލައިފިއެވެ.

މިނިވަންދުވަސް ފާހަގަކުރުމަށް މާލެ ސަރަހައްދުގައި ފޯރިގަދަ ކުޅިވަރު ހަރަކާތްތަކެއް ކުރިއަށްގެންދިޔަ އިރު އޭގެ ތެރޭގައި މިއުޒިކާއި އެފަދަ ތަފާތު ކުޅިވަރުތަކަށް ލޯބި ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެހެނިހެން ޝޯތަކާއި ފުޑް ސްޓޯލްތައްވެސް ހިމެނެއެވެ.

މުޅި މާލެ ސަރަހައްދު ގައި ހަލުއިކަމާއެކު ބޭރަށްހިންގުމާއި ހޮޑުލުމުގެ ބޮޑުރޯގާއެއް ފެތުރެމުން ދިއުމުގެ ސަބަބުން ޖުލައި 28 ވަނަ ދުވަހު ހުޅުވަން އޮތް ކާނިވާ ހުޅުވީ އޭގެ އެއް ދުވަސް ފަހުންނެވެ. ނަމަވެސް އަދިވެސް ބަލިމަޑުކަމަށް ލުޔެއް ނާދެއެވެ.

ޖުލައި މަހުގެ ތެރޭގައި އެކަނިވެސް، ބޭރަށް ހިންގުމާއި ހޮޑުލުމަށް ފަރުވާހޯދި މީހުންގެ އަދަދު 7,384އަށްއަރައެވެ. އަދި ޖުލައި މަހު އެކިއެކި ރޯގާބަލިމަޑުކަމަށް ފަރުވާހޯދި ޖުމުލަ މީހުންގެ އަދަދު 41,603އަށް އަރައެވެ.

ރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރި 59ވަނަ އަހަރު ފާހަގަކުރުމަށް މުޅި ރާއްޖޭގައި ވަނީ ތަފާތު ކުޅިވަރު ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައި ވާއިރު މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް ނިންމާލީ ބަޑިބޭހުގެ ފޯރިގަދަ އަޑުފައްގަނޑާއެކު އެރުވި ކުލަގަދަ ހަވާގެ އަލިކަމާއެކުއެވެ.