ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އިންތިޚާބީ ހައްގުތައް ކަށަވަރުކުރާން ސުޕްރީމް ކޯޓަށް ހުށަހެޅި ދެވަނަ މައްސަލަވެސް އެ ކޯޓުން ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހުވެސް ރައީސް ޔާމީންގެ ފަރާތުން އިންތިޚާބީ ހައްގުތައް ކަށަވަރުކުރާން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލައެއް ވަނީ ބަލައިނުގަނެ ބޭރުކޮށްލައިފައެވެ.

ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ވިދާޅުވެފައި ވަނީ، ޔާމީންގެ ފަރާތުން ހުށަހަޅަފައިވާ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫންކަމުން އެ މައްސަލަ ބަލައިގަނެވޭން ނެތްކަމަށެވެ.

ރިޔާސީ އިންތިޚާބަށް ކުޑަތަން ވެފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ވަނީ ޖުލައި 23ން ފެށިގެން އޯގަސްޓް 7ގެ ނިޔަލަށް ކެންޑީޑަސީ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. ނަމަވެސް ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލަ އޮތީ ކުރިއަށް ނުގޮސް ހުއްޓިފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރާން ހުށަހެޅުމުން އެ މައްސަލަ އޮތީ، ކޯޓުގެ ބައެއް ފަނޑިޔާރުންގެ ޗުއްޓީއާ ގުޅިގެން ކުރިއަށް ނުގޮސްފައެވެ.

މިއީ އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ސަރުކާރުން ޝަރުޢީ ނިޒާމުގެ ތެރެއަށް އަތްބާނައިގެން، ރައީސް ޔާމީނާއި އެމަނިކުފާނަށް ތާޢީދުކުރާ ލައްކައަކާ ގާތްކުރާ އަދަދުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނާން ކުރާ ވަރަށް ބޭއިންސާފު އަދި އިއާދަނިކުރެވޭނޭވަރުގެ ގެއްލުމެއް ލިބޭނޭ ކަމެކެވެ.