ކޮންމެ މީހަކަށް އެންމެ ގިނަވެގެން ގަނެވޭ ސިމް ކާޑު ލިމިޓްކުރާ ކުރާ ގަވާޢިދު، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން ގެޒެޓްކޮށްފިއެވެ.

މި ގަވާއިދުގެ ދަށުން ދެން ބޭރުމީހެއްގެ ނަމުގައި ބޭނުންކުރެވޭނީ ގިނަވެގެން 3 ސިމްކާޑެވެ. އަދި ދިވެއްސެއްގެ ނަމުގައި އެންމެ ގިނަވެގެން ގަނެވޭނީ 10 ސިމް ކާޑެވެ. އަދި އަމިއްލަ ފަރުދުން ހިންގާ ވިޔަފާރިތަކަށްވެސް 10 ނަންބަރު ރަޖިސްޓްރީ ކުރެވޭނެއެވެ. ނަމަވެސް ގާނޫނީ އެހެނިހެން ޝަޙުޞުތަކާއި ދައުލަތުގެ މުއައްސަސާތަކަށް ކުރިއެކޭ އެއްފަދައިން މިހާރުވެސް ބޭނުންވަރަކަށް ސިމްކާޑު ނެގޭނެއެވެ.

އެކިމީސްމީހުންގެ ނަމުގައި ރެޖިސްޓްރީކޮށްފައިވާ ސިމްކާޑުތައް އެމީހުންނަށް ނޭނގި ބޭނުންކޮށްގެން ހިންގާ ސްކޭމް ކޯލްތައްފަދަ މައްސަލަތައް ހައްލުކުރާން ކޭމްއާއި ޓެލެކޮމް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު އަލަށް މިގެނައި ބަދަލާއެކު، ގިނަ ސިމްތައް ގެންގުޅޭ ފަރާތްތަކުން ތިން މަސްދުވަހުގެ ތެރޭގައި ގަވާއިދާ އެއްގޮތަށް ސިމްތައް ރެޖިސްޓްރީކުރާން ޖެހޭނެއެވެ. އަދި ބާކީހުރި ނަމަ، ގަވާޢިދުން ޚިދުމަތް ކަނޑާލަން ހުށަހަޅާން ޖެހެއެވެ.

މި ގަވާއިދާ ޚިލާފަށް އަމަލުކުރާ ޚިދުމަތްދޭ ފަރާތްތަކާ މެދު، އެކަންކަން ރަނގަޅުކުރާން ފުރަތަމަ ފުރުސަތު ދިނުމަށްފަހު 10،000 ރުފިޔާއާ 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ފުރުސަތު ކޭމްއަށް ލިބިގެންވެއެވެ.