ފުވައްމުލަކު ސިޓީގެ ކައިރީގައިވާ ޑައިވިންގ ޕޮއިންޓްތައް ކައިރިއަށް ފީނަންދާ މީހުންގެ އަތުން ފީއެއް ނަގާން، އެސިޓީގެ ކައުންސިލުން ގަވާދެއް ހެދުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ޑައިވަރުން އިހްތިޖާޖަށް ނުކުމެއްޖެއެވެ.

ސިޓީކައުންސިލުން ޖޫން 8ގައި ގެޒެޓްކުރި ގަވާއިގައިވާ ގޮތުން، އެ ރަށުގައި ޑައިވްކުރާ ފަރާތްތަކުން ކައުންސިލުގައި ރަޖިސްޓަރީވުމުގެ އިތުރުން އެ ގަވާއިދުގައި ކަނޑައަޅާފައިވާ ފީ ދައްކަން ޖެހޭނެ އެވެ.

އެގޮތުން ރާއްޖެއަށް ޒިޔާރާތްކުރާ ބޭރުގެ އުޅަނދުތަކުން އެތަނަށް ޑައިވްކުރާ ފަރާތްތަކުން ބޮލަކަށް 15 ދުވަހަށް 200 ޑޮލަރު ދައްކާން ޖެހެއެވެ. ސަފާރީ އުޅަނދުތަކާއި އެހެން ރަށްރަށުގެ ޑައިވިން ސްކޫލްތަކުން ދާ މީހަކަށް، 15 ދުވަހަށް 55 ޑޮލަރު، އަދި މީގެ އިތުރުން ފުވައްމުލަކު ޑައިވް ސްކޫލްތަކުން ދާ މީހަކަށް، 15 ދުވަހަށް 20 ޑޮލަރު ދައްކާން ޖެހެއެވެ.

ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރޭން ސަފާރީ އުޅަނދުތަކާއި އެހެން ރަށްރަށުގެ ޑައިވިން ސްކޫލްތަކުން ދާ މީހަކަށް، 15 ދުވަހަށް 20 ޑޮލަރު ދައްކާން ޖެހޭއިރު، ފުވައްމުލަކު ޑައިވް ސްކޫލްތަކުން ދާ މީހަކަށް، 15 ދުވަހަށް 20 ޑޮލަރު ދައްކާޖެހެއެވެ. އަދި މިއިން ގަވާއިދަކާ ޚިލާފުވެއްޖެ ނަމަ، 5،000ރ. އާއި 8،000ރ. އާ ދެމެދުގެ އަދަދުތަކުން ޖޫރިމަނާ ވެސް އެ ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.

ފުވައްމުލަކު ޑައިވިން އެސޯސިއޭޝަނާއި އެ ރަށުގައި ހިންގަމުން އަންނަ ޑައިވިން ސްކޫލްތަކުގެ ޑައިވަރުންގެ ޝަކުވާއަކީ، ދައުލަތުން ނަގާންޖެހޭ ހުރިހާ ހުއްދައެއް ނަގައި، ދައްކާން ޖެހޭ ހުރިހާ ފީތަކެއް ދައްކަމުން ދަނިކޮށް، އެފަރާތްތަކާ އެއްވެސް މަޝްވަރާކުރުމެއް ނެތި ސިޓީ ކައުންސިލުން މިފަދަ ގަވާއިދެއް ނެރެ އަމަލުކުރާން ފެށުމުން އެފަރާތްތަކަށް މާލީގޮތުން ބޮޑު ބުރައަކަށް ވާތީ އެވެ. އެހެންކަމުން ޑައިވަރުން ބޭނުންވަނީ އެފަރާތްތަކާ މަޝްވަރާކޮށް، ގަވާއިދަށް އެދެވޭ އިސްލާހުތަކެއް ގެނެވެންދެން، އެ ގަވައިދަށް އަމަލުކުރުން މަޑުޖައްސައިލުމެވެ.