މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރު އަލީ މައުރޫފް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިޔުއްވައި، މިޔާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ޘަނާކިޔުއްވައިފިއެވެ.

އެމްޑީއޭއަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ބައިވެރިއެކެވެ. އަދި އެމްޑީއޭއަކީ ރައީސް އިބްރާހީމްގެ ސަރުކާރުގައި، އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް އިއްތިހާދުވެފައި އޮތް ދެ ޕާޓީގެ ތެރޭން އެއް ޕާޓީއެވެ.

ރައީސް އިބްރާހީމަށް ދެވަނަ ދައުރެއް ހޯދުމަށް، ސަރުކާރާއި ސަރުކާރާ އިއްތިހާދުވެގެން މިހާރު ތިބި ފަރާތްތަކުން ކުރިއަށް ގެންދާ ކެމްޕޭނު ޖަލްސާއެއްގައި، ހޮނިހިރު ދުވަހުގެ ރޭ މ. މުލަކުގައި ވާހަކަދައްކަވަމުން އެމްޑީއޭގެ ނައިބު ލީޑަރު ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިޔުއްވައި، އެއީ މުޞީބާތެއްކަމަށްވެސް ވިދާޅުވެފައެވެ.

އެގޮތުން، އޭނާ ވިދާޅުވީ ޕީޕީއެމްއާއެކު އެމްޑީއޭއިން ހެދި ކޯލިޝަން ރޫޅުނީ ރައީސް ޔާމީންގެ ނާގާބިލްކަމުން ކަމަށާއި، ރައީސް ޔާމީނުގެ ސަރުކާރުގައި މައުރޫފުމެން އުޅުއްވާން ޖެހުނީ، ގާނޫނުއަސާސީ ބަދަލުކޮށްގެން އަބަދާއަބަދު ނައިބު ރައީސުންނާއި، މިނިސްޓަރުންނާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ބަދަލުކުރުމުގެ މަސައްކަތުގައި ކަމަށެވެ.

"އެހެންކަމެއް ކުރާނޭ ވަގުތެއް އަޅުގަނޑުމެންނަކަށް ނުވޭ. އެހެން ވީމާ ބޮޑު މުސީބާތަކަށް އަޅުގަނޑުމެންނަށްވީ" މައުރޫފު ވިދާޅުވިއެވެ.

މީގެ އިތުރުން މައުރޫފު ވިދާޅުވީ، އަދުގެ ރައީސް އިބްރާޙީމަކީ މީހުންނާ ގުޅިގެން އުޅުމުގެ ނަމޫނާއެއް ކަމަށާއި، އިބްރާހީމާއެކު ކޯލިޝަން ހެދި މީހުން އަދިވެސް ސަރުކާރުތެރޭން އެބަ ފެންނަ ކަމަށެވެ.

އެގޮތުން އޭނާ ފާހަގަކުރެއްވީ، މިވަގުތު އެމްޑީއޭ ފިޔަވައި ރައީސް އިބްރާހީމަށް ދެވަނަ ދައުރެއް ހޯދައިދޭން މަސައްކަތްކުރާ ހަމައެކަނި ޕާޓީކަމަށްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲއާއި، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމާ ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، މިހާރު ރައީސް އިބްރާހީމާ ފެއަށް ޖެހިވަޑައިގެން ހުންނެވި އެމްއާރްއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ވާހަކައެވެ.

ދެން އޭނާ ފާހަގަކުރެއްވީ، ރައީސް އިބްރާޙީމްގެ ވެރިކަމުގެ ފަސްއަހަރު ނިންމާލަނީ، އިދިކޮޅު އެއްވެސް ލީޑަރަކު ޖަލަށް ނުލައި ކަމަށެވެ.

" އެއްވެސް މީހަކު ޖަލަށް ނުލައި، ދައުރެއް ނިންމާލި ރައީސަކީ މި އިންނެވީ {ރައީސް އިބްރާހީމަށް އިޝާރާތްކުރައްވައ}. އެހެންވީމާ މިއަދު އަޅުގަނޑު ރައީސަށް ސެލިއުޓް އަރުވަން، ޝުކުރު ދަންނަވަން،" އެމްޑީއޭގެ ނައިބު ފޯރިއާއެކު ވިދާޅުވިއެވެ.

ނަމަވެސް އިދިކޮޅުގައި މިދިޔަ ފަސްއަހަރު ހުންނެވި ހަމައެކަނި ލީޑަރު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޔާމީނު ޖަލުގައި އޮންނަވާތާ މިހާރު 973 ދުވަސްވީއެވެ. ރައީސް އިބްރާހީމް ވެސް ހިމެނޭގޮތަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް އެތަކެއް ބަޔަކަށް ތުހުމަތުކުރާއިރު، އެ ޚިޔާނާތާ ގުޅިގެން ހުކުމެއްކޮށް ޖަލުގައި މިވަގުތު އޮތް ހަމައެކަނި ލީޑަރަކީ އެއީއެވެ.

އަދި ފުލުފުލުގައި އިތުރު ޝަރީޢަތްތައްވެސް ޔާމީނާ ދެކޮޅަށް ގެންދާއިރު، މިހާރު އިއްވާފައިވާ ހުކުމުގެ އިސްތިއުނާފީ މަރުހަލާއަށް ވެސް ހުރަސްތަކެއް ވަނީ އެޅިފައެވެ.

އަދި، ހަމަ އެއާއެކު މިހާރު ޔާމީންގެ މައްޗަސް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލައިގައި މި މައްސަލާގައި ޔާމީންގެ އިތުރުން، ކްރިކް އަޙްމަދު ރިޒާއާއި، އެމްޑީއޭގެ ލީޑަރަށް ނިސްބަތްވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، މި ދެ ފަރާތުގެ ޝަރީއަތްވެސް ކުރިއަކަށް ނުދާކަން ފާހަގަކޮށްލާން ޖެހެއެވެ.