މިޞްރަށް ދަތުރުކުރާން ބޭނުންވާ ދިވެހީންނަށް މިހާރު ދުރާލައި ވިސާ ނެގުމަކާ ނުލައި، 25 ޑޮލަރުގެ ފީއެއް ދައްކައިގެން، އޮންއެރައިވަލް ވިސާ ލިބޭނޭގޮތް ހަމަޖައްސައިފިއެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ދެގައުމުގެ ސަރުކާރުން ކުރި މަޝްވަރާތަކަށް ފަހު، ދިވެހި ޕާސްޕޯޓު އޮންނަ ފަރާތްތަކުން މިސްރަށް އެތެރެވާން މިހާރު، ދުރާލައި ވިސާ ނަގަން ނުޖެހޭނޭ ކަމަށާއި، އަދި ދިވެހީންނަށް 30 ދުވަހުގެ އޮންއެރައިވަލް ވިސާ މިހާރު ލިބޭނޭ ކަމަށެވެ. މިއީ ޓޫރިސްޓް ވިސާއެއް ކަމަށާއި، 30 ދުވަހަށް ވުރެ އިތުރުވާނަމަ، ނުވަތަ ކިޔަވާށާއި ވަޒީފާ އަދާކުރުންފަދަ ކަންކަމުގައި އެގައުމަށް ދާ ފަރާތްތަކުން މިހާރުވެސް ދުރާލައި އެކަމަކާ ގުޅޭ ވިސާ ނަގާން ޖެހޭނޭ ކަމަށެވެ.

މިސްރަކީ ދިވެހީންގެ ގިނަ ބަޔަކު މަތީތަޢުލީމު ޙާޞިލްކުރާން ދާ ގައުމެކެވެ. މިގޮތަށް އޮން އެރައިވަލް ވިސާ ހަމަޖެހިގެން ދިއުމުން އެގައުމުގައި ކިޔަވާށާއި ވަޒީފާގައި ތިބި ފަރާތްތަކުގެ ޢާއިލާތަކަށް، ފައިސާ ހުރިނަމަ އެ ފަރާތްތަކާ ބައްދަލުކޮށްލާން ދިއުމުގައި ވިސާގެ ލުއިކަން ލިބިގެން ދިޔައީއެވެ.

މިހާރު ދިވެހި ޕާސްޕޯޓުގައި އޮން އެރައިވަލް ވިސާ ލިބޭ ގައުމުތަކުގެ ޢަދަދު 100އަށް ވުރެ އިތުރުވީއެވެ.