ނ. ހޮޅުދޫ ޗާނދަނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އަންގާރަ ދުވަހު ހަވީރު، ފާރެއް ވެއްޓި، އެ ފާރު ދަށުވި އާރްޑީސީގެ ތިން މުވައްޒަފުންގެ ތެރޭން 2 މުވައްޒަފުން ފަރުވާއަށްފަހު ދޫކޮށްލައިފިއެވެ.

ހޮޅުދޫ މަގުހެދުމުގެ މަޝްރޫޢުގެ ތެރޭން، ޗާނދަނީމަގުގައި ހޮޅިވަޅުލުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ވެއްޓުނީ އެރަށު ޖޭމުގޭ މަގުމަތީ ފާރެވެ. އެއީ ދުވަސްވެފައިވާ ފާރެއްކަމަށް، މި މަސައްކަތާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުވެފައިވާ އާރޑީސީން ބުނެއެވެ.

އޮންލައިން ނޫސް ދައުރަށް ދެއްވި އިންޓަވިއުއެއްގައި ރ. އުނގޫފާރު ހޮސްޕިޓަލުގެ ސީނިއަރ މީޑިއާ ކޯޑިނޭޓަރ ހުސެއިން ފަޒީލް ވިދާޅުވެފައި ވަނީ، އެ ހާދިސާގައި އަނިޔާވި ތިން މީހުން އެ ހޮސްޕިޓަލަށް ގެންދިޔައީ އެރޭ 8 ޖަހާކަންހާއިރު ކަމަށެވެ.

ހާދިސާގައި އަނިޔާވި ތިން މީހުންގެ ތެރޭން، 22 އަހަރުގެ މީހާއާއި 60 އަހަރުގެ މީހާ ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނޭ 50 އަހަރުގެ މީހެއްގެ އުނަގަނޑަށް ސީރިއަސް އަނިޔާއެއް ލިބިފައިވާތީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުން ދާކަމަށެވެ.

އާރްޑީސީން މިކަމާގުޅޭ ގޮތުން ބުނެފައިވަނީ، މުވައްޒަފުންގެ ބޭސްފަރުވާއާއި އެކަމާ ގުޅޭ އެހެނިހެން ހަރަދުތައް، އެކުންފުނީގެ ޕޮލިސީތަކާ އެއްގޮތަށް ހަމަޖައްސަމުން ގެންދާކަމަށާއި އަދި އެމީހުންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ.