ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ބޮޑުއަގުގައި ތަރައްގީކުރާން ފަށައި، ނުނިމި އޮތް މާލެ ސިޓީގެ އަމީނީމަގު ހެދުމުގެ އެންމެ ފަހު ސެގްމަންޓުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ފުރަތަމަ މަޝްރޫޢު ފަށަން އެއްބަސްވި 44 މިލިއަން ރުފިޔާގެ އަގަށްވުރެ ދެގުނަ ބޮޑުކޮށް ޚަރަދުކޮށްގެން ރައީސް އިބްރާހިމްގެ ވެރިކަމުގައި އަމީނީ މަގުގެ މަސައްކަތުގެ ބޮޑުބައެއް އޮތީ ނިންމާފައެވެ. އެގޮތުން ހައުސިން މިނިސްޓްރީއާ ހަމައަށް މަގުގެ މަސައްކަތް ވަނީ ނިންމާފައެވެ.

ޖުމްލަ 13 ސެގްމަންޓް ހިމެނޭ އަމީނީ މަގުގެ މަސައްކަތުގައި މިހާތަނަށް ނުނިމިވަނީ، ފަހު ދެ ސެގްމަންޓްގެ މަސައްކަތެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން، މާފަންނަަށް އަމީނީމަގުގައި ބާކީ އޮތް ސަރަހައްދެވެ. މިއަދު ފަށާފައިވަނީ މެދުކެނޑިފައިއޮތް ދެ ސެގްމެންޓުގެ މަސައްކަތެވެ. މި މަސައްކަތް ފައްޓަވައުދެއްވީ ރޯޑް ޑިވްލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރެވެ.

އާރުޑީސީން ބުނި ގޮތުގައި އެކުންފުނީގެ އަމާޒަކީ 45އާއި 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމެވެ. ނަމަވެސް އެހެންނަމަވެސް ވިއްސާރަޔާއި ބިމުގެ އަޑީގެ ހާލަތައް ބެލުމަށްފަހު މަސައްކަތައް ލަސްތަކެއް އައުމަކީ އެކަށީގެންވާކަމެއްކަމަށް އެ ކުންފުނިން ބުނެއެވެ.

ހެންވޭރު ކޮޅުން ފެށިގެން މާފަންނު ކޮޅާއިހަމައަށް ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި ތަރަށްގީކުރާން މި މަޝްރޫޢު އާރުޑީސީއާ ފުރަތަމަ ހަވާލުކުރީ 44 މިލިއަން ރުފިޔާއަށެވެ. ނަމަވެސް ފަހުން ޕްލޭނިންގ މިނިސްޓްރީން ވަނީ މި މަޝްރޫޢުގެ އަގު 84.4 މިލިއަނަށް ބޮޑުކޮށްފައެވެ. ނަމަވެސް ކުރީންވެސް ހަމަ އެ މަގުގައި އަޅާން ނިންމާފައި ވަނީ ތާރެވެ. އެހެން ނަމަވެސް މަޝްރޫޢުގެ އަގު ދެގުނަ ބޮޑުކުރިޔަސް ފަހުން މުޅި މަގު ސަންގުމަރުމަރު ހިލައިން ހަދާން ނިންމާފައެއް ނުވެއެވެ.