ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން 84 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފެށި މާލެ ސިޓީގެ އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ނިންމައި އެ މަގު ހުޅުވާލައިފިއެވެ. 

މާލެ ސިޓީގެ އެންމެ އަގުބޮޑު އެއް މަގު ކަމަށްވާ، އަމީނީ މަގު، ހެންވޭރު ކޮޅުން ފެށިގެން މާފަންނު ކޮޅާއިހަމައަށް ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި ތަރަށްގީކުރާން މާލޭ ސިޓީ ކައުންސިލުން އާރުޑީސީއާ ފުރަތަމަ ހަވާލުކުރީ 44 މިލިއަން ރުފިޔާއަށެވެ. ނަމަވެސް، އެ އަގު ކަމު ނުގޮސްގެން، އެ މަސައްކަތް ސިޓީ ކައުންސިލުން ވަކިކޮށް، އޭރުގެ ޕްލޭނިންގ މިނިސްޓްރީން ވަނީ މަޝްރޫޢުގެ އަގު 84.4 މިލިއަނަށް ބޮޑުކޮށްފައެވެ.

މަޝްރޫޢުގެ އަގު ދެގުނަ ބޮޑުކުރި ނަމަވެސް، މުޅި މަގު ހަދާފައި ވަނީ ހަމަ ކުރީންވެސް ނިންމާފައިވާގޮތަށް ތާރުއަޅައިގެންނެވެ. ސަންގުމަރުމަރު ހިލައިން މަގުގެ އެއްވެސް ބައެއް ހަދާފައެއް ނުވެއެވެ. އަދި އާދަޔާޚިލާފު ތަފާތުކަމެއް ފެންނާކަށްވެސް ނެތެވެ. ބޯކޮށް ވާރޭވެހޭ ނަމަ މިހާރުވެސް ހަމަ ފިސާރި ރަނގަޅަށް އަމީނީމަގުގައިވެސް ފެންބޮޑުވެއެވެ.

އަމީނީ މަގުގައި ވާރޭވެހުމުގެ ސަބަބުން ފެން ބޮޑުވެފައި-- އަސްލު ފޮޓޯ: މުޖްތަބާ

 

ޖުމުލަ 13 ސެގްމެންޓަކަށް ބަހާލައިގެން، ރިޔާސީ އިންތިޚާބުގެ ކުރީން ނިންމާގޮތަށް، ކުރިއަށް ގެންދިޔަ އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އާރްޑީސީން ފެށީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް ރައީސް އިބްރާހީމްގެ ސަރުކާރު ނިމުނު އިރުވެސް އަގުބޮޑު އަމީނީމަގުގެ 2 ސެގްމެންޓެއްގެ މަސައްކަތް ނުނިމި އޮތެވެ. އެއީ 12 އަދި 13 ވަނަ ސެގްމެންޓެވެ.  މި ދެ ސެގްމެންޓުގެ މަސައްކަތް އާ ސަރުކާރުން އަލުން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. 

އާރްޑިސީން ބުނީ، "އަމީނީމަގު ސެގްމެންޓް 13، 12 ގެ މަސައްކަތް ނިމި މިހާރު ވަނީ އާންމުންނަށް ހުޅުވާލެވިފައި." ކަމަށެވެ. 

އާސަރުކާރުން ފަހު 2 ސެގްމެންޓުގެ މަސައްކަތް ވަނީ ކުރީގެ ސެގުމެންޓުތަކަށްވުރެ މަގު ފުޅާކޮށް، ސްކޯޕަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެ 2 ސެގުމެންޓުގައި 4 ލޭން ހަދާފައިވެއެވެ. އަދި މި ދެ ސެގްމެންޓުގެ މަސައްކަތް ނިންމާލާފައި ވަނީ 36 ދުވަހުންނެވެ.