އަތޮޅުތެރޭގައި އެއަރޕޯޓް ތަރައްގީކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތެރޭން ތިންރަށެއްގައި އެއަރޕޯޓް އަޅަން ބިންހިއްކުމުގެ މަސައްކަތް، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

އެއަރޕޯޓް އަޅަން ކެޕިޓަލް މެރިންއާ ބިންހިއްކަން ހަވާލުކުރި ތިން ރަށަކީ، ބ. ތުޅާދޫ، ތ. ވިލުފުށި އަދި ށ. ބިލެތްފައްސެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ، 42،450،783.48 އެމެރިކާ ޑޮލަރު (653،954،321.41 ރުފިޔާ)ގެ މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ 280 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނުން މީގެ ކުރީންވެސް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިންހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ގުޅިފަޅު ގްރީންސިޓީގެ ފޭސް1 އަދި ފޭސް2، އަދި މިނޫނަސް، ގިނަ ރަށްތަކެއްގެ ބިންހިއްކާފައިވެއެވެ. އެކުންފުނިން ބިންހިއްކަނީ، ނެދަލޭންޑްސްގެ ބޮސްކާލިސްއާ ގުޅިގެންނެވެ.