މާލެ އަތޮޅު ފުށިދިއްގަރު ފަޅުގައި ތަރައްގީކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ފައްޓަވައިދެއްވި ރަސްމާލެ މަޝްރޫޢަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަވާނޭ ގޮތަށް ހަދާ ސޭފް އައިލެންޑެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 

މާލެ ސަރަހައްދުގައި މިހާރުވެސް އެތައް ބިލިއަންރުފިޔާގެ ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށް ދަނިކޮށް، އަނެއްކާވެސް އޭގެ އެތައް ގުނަ ބިޔަ މަޝްރޫއެއް ފެއްޓެވުމަށް ހޯމަދުވަހު ފުށި ދިއްގަރު ފަޅުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރަސްމާލެއަކީ މުޖުތަމަޢުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަކަށް ފަސޭހައިން އުޅެވޭ ތަނެއްގެ ގޮތުގައި ތަރައްޤީކުރާނެ ތަނެއްކަމުގައެވެ.

އެމަނިކުފާނު ވިދާޅުވީ، "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ރަސްމާލޭގައި ކޮންމެ ތަނަކަށް ފަސޭހަކަމާއެކީ ދެވޭގޮތަށް ޑިޒައިން ކުރެވިފައި ހުންނާނީ. މަގު ވިޔަސް، ޢާންމު މައިދާންތައް ވިޔަސް، އިމާރާތްތައް ވިޔަސް، ތަރައްޤީ ކުރެވޭނީ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކީގައި، އުފަލާއެކީގައި، ޝާމިލްވެ އުޅެވޭގޮތަށް." ކަމަށެވެ. 

މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. މިގޮތުން، 1153 ހެކްޓަރުގެ ބިން ހިއްކައި މި މަޝްރޫޢު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.އަދި "ރަސްމާލެ" ތަރައްޤީ ކުރާނީ ޒީރޯ ކާރބަން، ސޭފް އައިލެންޑް ކޮންސެޕްޓަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.