ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް އުސޫލެއް އެކުލަވާލައި، ވަކިބައެއްގެ މަންފާއަށް ކުރިއަށް ގެންދިޔަ މަޝްހޫރު ބިންވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލޭ 3 ވަނަފިޔަވަހި ހިއްކައިގެން ދޫކުރާން ނިންމާފައިވާ ގޯތިތައް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަރައްގީކުރާން އުޅޭ ފުށިދިއްގަރު ފަޅަށް ބަދަލުކުރާން އުޅޭ ވާހަކަތައް އެޗްޑީސީން މިވަނީ ދޮގުކޮށްފައެވެ.  

އޮންލައިން ނޫސް "ރާއްޖެއެމްވީ"އިން ޝާޢިއުކުރި ޚަބަރަކާ ހަވާލާދީ، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ، "އެޗްޑީސީން ހުޅުމާލެ 3އަކުން ބިން ލިބުނު ފަރާތްތަކުގެ ބިން ފުށިދިއްގަރު ފަޅަށް ބަދަލުކުރުމަށް ނިންމި ވާހަކައަކީ ހަޤީޤަތާ ޚިލާފު ވާހަކައެއް" ކަމަށެވެ. ނަމަވެސް މިކަމާގުޅޭ އިތުރު ތަފްޞީލެއް އޭނާ ނުދެއްވައެވެ.  

ކުރިއަށް އޮތް މާލޭގެ މޭޔަރު ހޮވުމުގެ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ފޯރި ގަދަވަމުންދާ މި ދަނޑިވަޅުގައި، ކުރީ ސަރުކާރުގެ އިސްފަރާތްތަކުގެ ނުފޫޒު އޮންނަ ރާއްޖެއެމްވީން ބުނެފައިވާގޮތުން، ހުޅުމާލެ ތިންވަނަ ފިޔަވަހިން ބިން ލިބިފައިވާ މީހުންނަށް ފުށިދިއްގަރުފަޅުން ބިން ދޫކުުރުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ނިންމައި އެ ބިންތައް ފުށިދިއްގަރުފަޅަށް ބަދަލު ކުރާގޮތަށް ޕްލޭން ކުރުމަށް ވަނީ އަންގައިފައެވެ. ނަމަވެސް، އާ ސަރުކާރުން ބުނަނީ މިއީ ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫންކަމަށެވެ. ނަމަވެސް، މިވަގުތު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް މަޝްރޫޢަކީ ފުށިދިއްގަރު މަޝްރުކަން ސަރުކާރުގެ އިސްވެރީންގެ ވާހަކަތަކުން އެނގެއެވެ. 

މީގެ އިތުރުން، ފުށިދިއްގަރު މަޝްރޫޢަށް ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި މި ސަރުކާރުން ކަނޑައެޅި 400 މިލިއަން ރުފިޔާ އެމްޑީޕީގެ މެމްބަރުންގެ ތާއީދާއެކު އުނިކޮށް ބަޖެޓް ފާސްކޮށްފައި ވާއިރު، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމަށް ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ މަޝްވަރާކޮށްގެން ފޭސް3ގެ ބަދަލުގައި ފުށިދިއްގަރު ފަޅު ހިއްކުމަށް ރާވާފައިވާކަމުގެ ޚަބަރުތަކެއްވެސް ވަނީ ފެތުރިފައެވެ. މިކަމުގައި ވެސް ޙަގީގަތްތަކެއް އެކުލެވޭކަމަށް ބާރުލިބޭ ސަބަބުތައް ގިނައެވެ. އެއީ މިފަހަރުގެ ބަޖެޓުގައި ފުށިދިއްގަރު މަޝްރޫޢު ހިމަނާފައި ނެތުމުން ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން އަންނަނީ ކެނޑިނޭޅި އިދިކޮޅު ފަރާތްތަކަށް ފާޑުކިޔަމުންނެވެ. 

ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި، ގިރާވަރު ފަޅާއި، އުތުރު ތިލަފަޅާއި އަދި ގުޅީފަޅަށް ހެސްކިޔާފައި ދައުލަތުން ޚަރަދުތަކެއް ކޮށްފައި ވަނިކޮށް، އެ މަޝްރޫޢުތައް މަޑުޖައްސާލާފައި ނަމަވެސް ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް، ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކައި އެ ތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. 

އާ ސަރުކާރުގެ ވެސް ނިޔަތެއް ނެތް ސްކީމް ޤާނޫނާ އެއްގޮތަށް ގެންދާކަށް؟

ކުރީގެ ރައީސް އިބްރާހީމުގެ ސަރުކާރެކޭ އެއްފަދައިން، މިހާރުގެ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށްވެސް ޤާނޫނާ އެއްގޮތަށް ކަންކަންކޮށް، ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުން އެއީ އެހާ މުޙިއްމު ކަމެއްގެ ގޮތުގައި ސިފައެއް ނުކުރެވެއެވެ. އެހެނީ، ކުރީ ސަރުކާރުން ޤާނޫނާ ޤަވާއިދުތައް މުގުރާލައި، އެތަކެއް ހާސް ރައްޔިތުންގެ ޙައްޤުތައް ފޭރިގަނެ، ވަކިބަޔަކަށް މަންފާވާގޮތަށް ހިންގި ބިންވެރިޔާ "ސްކޭމް" ތަހުގީގުކޮށް، އެންމެނަށް ޙައްގުތައް ކަށަވަރުކޮށްދިނުމުގެ ބަދަލުގައި މި ސަރުކާރުންވެސް މަސައްކަތްކުރާތަން ފެންނަނީ، ދައުލަތަށް ޖެހިފައިވާ ދަރަނީގެ ދަންތުރަ އޮތްގޮތަށް ބާއްވާފައި ރައީސުލްޖުމްހޫރިއްޔާގެ ނަމުގައި އިތުރު ބިމެއް ހިއްކޭތޯ ބަލާތަނެވެ. 

ބިންވެރިޔާ ސްކީމުގެ ސަބަބުން، ހުޅުމާލޭގެ މާސްޓަރޕްލޭން ވެސް ވަނީ ފެއިލްވެފައެވެ. އަދި، މިހާރު ގޯތިތައް ބަހާލާފައި އޮތް ގޮތަށް ބަލާއިރު، ހުޅުމާލެ ތަރައްގީކުރަމުން އައި ޒަމާނީ ސިޓީގެ ތަޞައްވަރު ގެއްލި، އަނެއްކާވެސް ތޮއްޖެހިފައިވާ އިތުރު މާލެއެއްގެ ތަސައްވަރު ވަނީ ފެންނާން ފަށައިފައެވެ. މީގެ އިތުރުން ހުޅުމާލެއަކީ، މީގެ ކުރީން އަގުބޮޑުކޮށް ބިން ވިއްކަމުން އައި ތަނަކަށް ވެފައި، އަދި އެތަކެއް ހާސް ރައްޔިތުންގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފްލެޓުއަޅާން ފަރުމާކޮށްފައި ވާ ތަނަކަށް ވާއިރު، އަދި އެތަނުން އަގުބޮޑުކޮށް އެތަކެއް ބަޔަކު ބިން ގަނެފައި ވަނިކޮށް އަނެއް ބަޔަކަށް ހަމަ ހިލޭ، ދައުލަތުގެ މުދާގަނޑެއް ބަހާލުމުންވެސް އޭގައި އެތަކެއް ބައެއްގެ ހިތްހަމަ ނުޖެހުމާއި ޝަކުވާތައް ވަނީ އުފެދިފައެވެ. 

ރައްޔިތުން އެދެނީ ޤާނޫނާ އެއްގޮތަށް ޢަމަލުކުރަން!

ބިންވެރިޔާ ސްކީމަކީ މާލޭގެ އެތަކެއް ރައްވެހީންގެ ޙައްޤުތައް ގެއްލޭގޮތަށް ކުރީގެ ސަރުކާރުން ޢިއުލާނުކުރި ބާތިލު އުސޫލަކަށް ކުރިއަށް ގެންގޮސްފައިވާ ބާތިލު މަޝްރޫއެއްކަމަށް ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލުންނާއި ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންވެސް ގަބޫލުކުރެއެވެ. އަދި ރައްޔިތުންގެ ތެރޭންވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން މި ސްކީމް ޖެހޭނީ ބާތިލްކޮށްފައި އަލުން ޢިއުލާނުކުރާށެވެ. ނަމަވެސް ސިޔާސީ ގޮތުން ލިބިދާނޭ ގެއްލުމަކަށް ބަލައި، މިފަދަ ޤާނޫނާ ޚިލާފުކަންތައްތައް ރަނގަޅުކުރަން އުޅުމަކީ ސިޔާސީ ފަރާތްތަކަށް ވަރަށް އުނދަގޫ ކަމެކެވެ. ޤާނޫނުއަސީސީގައި ވަކިގޮތަކަށް އޮތަސް އަދި ރައްޔިތުން އެގޮތަށް އެދުނަސް، ޑރ. މުޢިއްޒުގެ ސަރުކާރަށް މިކަން ވާނެހެއްޔެވެ؟ ކުރިއަށް އޮތީ ސިޔާސީ މީހުން ޖަވާބުދާރީ ކުރުވާން ރަނގަޅު ދެ އިންތިޚާބެވެ. ރައްޔިތުން މި ސުވާލުތައްކުރާށެވެ.