ކުރިއަށް އޮތީ ރާއްޖޭގެ ރިޔާސީ އިންތިޚާބެވެ. ރިޔާސީ ކެމްޕޭންގެ ފޯރި ދަނީ ގަދަވަމުންނެވެ. ވައުދުތައް ފުނިފުންޏަށް ޖަހަނީއެވެ. މާލޭ ރައްޔިތުންނަށް ގޯތި ކަނޑާފައި ދިނުމުގެ ވަޢުދަކީ ވެސް ރިޔާސީ ވަޢުދެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހުގެ އެއްވަޢުދެވެ. ދައުރު ނިމުމުގެ ކުރީން މި ވަޢުދު ފުއްދާން ސަރުކާރުންވެސް ވަނީ ފޫގަޅައިފައެވެ. ނަމަވެސް، މިއީ ގިނަބަޔަކު ގަބޫލުކުރާ ގޮތުން ވަރަށް ބޭއިންސާފުން ކުރެވޭ ކަމެކެވެ. ޚާއްޞަކޮށް ސިޔާސީ ފަރާތްތަކުންވެސް މިކަމަށް ވަރަށް ބޮޑަށް ފާޑުއެބަކިޔައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަށް އެންމެ ފޯރިއާއެކު މިހާރު ކެމްޕޭންކުރައްވާ އެއް ބޭފުޅަކީ، ކުރީގެ ޑިފެންސް މިނިސްޓަރު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމެވެ. ނާޒިމަކީ މާލެއަށް ނިސްބަތްވާ މާލޭގެ ގެދޮރުވެރި ބޭފުޅެކެވެ. ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާގައި މަޝްހޫރު އެއް ކުންފުނީގެ ހިއްސާވާ ބޭފުޅެކެވެ. ރައްޔިތުންނަށް ބޯހިޔާވެހިކަން ލިބޭން ޖެހޭނޭކަމަށް ވަކާލާތުވެސް ކުރައްވާ ބޭފުޅެކެވެ. ނަމަވެސް ރައީސް އިބްރާހީމުގެ ބިންވެރިޔާ ސްކީމަށް ނާޒިމް ކަނޑައެޅިގެން ދެކޮޅެވެ. ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތަށް ނާޒިމްވެސް މި ސްކީމް "ކަޑަ"އެވެ. ސަބަބުތައް އޭނާ ވިދާޅުވެދެއްވިއެވެ.

"އުޖާލާ ޒަމާން" މި ޝިޢާރުގެ ދަށުން ނާޒިމްވެސް ވަނީ ކެމްޕޭން ފައްޓަވައި، އަތޮޅުތެރޭގެ ރައްޔިތުންނާ ބައްދަލުކުރައްވާން ފައްޓަވައިފައެވެ. އެގޮތުން، ހއ. އިހަވަންދޫގައި އެ އެމްއެންޕީން ކުރިއަށް ގެންދިޔަ ކެމްޕޭން ޖަލްސާގައި ނާޒިމްވަނީ ބިންވެރިޔާ ސްކީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ސިފަކުރައްވާ ގޮތުން ގޯތި ލިބޭންޖެހޭނީ ވަކި ނަސްލަކަށް ބަލާފައެއް ނޫނެވެ. އެމީހަކު ވަޒަންވެރިވެ ދިރިއުޅޭ ކޮންމެ ކޮންމެ ތަނަކުންވެސް ހަމަހަމަކަމާއެކު ބޯހިޔާވެހިކަންވެސް އަދި ބިންވެރިކަންވެސް ލިބޭން ޖެހޭނެއެވެ.

ނާޒިމް ސިފަކުރައްވާގޮތުން، ރައީސް އިބްރާހީމްގެ ބިންވެރިކުރުމުގެ މި ސިޔާސަތަކީ ވަރަށް ބޮޑު ނަސްލީ ތަފާތުކުރުމެކެވެ. އަދި ރައްޔިތުންގެ ވޯޓު ހޯދުމަށް ސަރުކާރުން ޖަހާ މިފަދަ "ޗައްކަރު"ތަކަށް ސަމާލުވާން ޖެހޭ ކަމަށެވެ.

"40 އަހަރު ދަފްތަރުގައި ޖެހިގެން ހުރި ކުޅުދުއްފުށީ މީހާއަށް ނުވަތަ އިހަވަންދޫ މީހަކަށް ގޯތި ލިބޭނޭ ހަމަ އެއްވެސް ގޮތެއް ނެތް މާލެއަކުން. މި ސިޔާސަތަކީ ކޮންކަހަލަ ނަސްލީ ތަފާތުކުރުމެއްތޯ ތިޔަ ބެފުޅުން މިއަދު ވަޒަންކުރައްވާ" އޭނާ ވިދާޅުވިއެވެ.

"މިރަށު ރައްޔިތަކުވެސް މާލެގޮސް ވަޒަންވެރިވެ އުޅެންޏާ ގޯތި ލިބެންވާނެ،" އޭނާއަކީ މާލޭ މީހެއްކަން ފާހަގަކުރައްވަމުން ވިދާޅުވިއެވެ.

ނާޒިމް ދެން ފާހަގަކުރެއްވީ އަނެއްކާވެސް އަހަރެމެން މިދައްކާ ބޭއިންސާފު، ތޮއްޖެއްސުމުގެ ވާހަކައެވެ. ގައުމުގެ ހުރިހާ ވަސީލަތެއް އެއްތަންކޮށްފައި، ތަރައްގީގެ ހުރިހާކަމެއް އަދިވެސް ބިލިޔަނުން ޚަރަދުކޮށްގެން ހިންގާ މާލެ ސަރަހައްދަށް، އިންސާފުވެރިކަމެއް ނެތި އަނެއްކާވެސް މީހުން ތޮއްޖެހުމަށް ދައުވަތު ދެވޭ ވާހަކައެވެ. ރާއްޖޭގެ އެހެން ސަރަހައްދެއް މިގޮތަށް ތަރައްގީ ނުކުރާ ވާހަކައެވެ. ހިލޭ ބަހާލެވޭ ބިންތަކަށް ބޮޑު އަގުގައި ކުލިދައްކައިގެން ތިބޭން އަނެއްކާވެސް ދައުވަތު ލިބޭނީ ވަޒީފާގެ ބާޒާރެއް ނެތް، ވަސީލަތްމަދު އަތޮޅުތެރޭގެ މީހުންނަށް ކަމެވެ. ފަގީރުން ފަގީރުވެ، މުއްސަނދީން އިންތިހާއަށް މުއްސަނދިވާ ވާހަކައެވެ.

މާލެއަށް މިހާރު ޖެހިފައިވާ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ ދަތިކަމަކީ، މާލެ ފުރެންދެން މާލޭ ރައްވެހީން ދިރިއުޅޭތީ ވެގެން އުޅޭ ދަތިކަމެއް ނޫނެވެ. އެކަން ބަލައިފި މީހަކަށް، އަދި ހެޔޮ ނިޔަތެއްގައި އެކަން ކޮށްފި ސަރުކާރަކަށް ނިކަން ރަނގަޅަށް އެކަން އެނގޭނެއެވެ. މާލެ ސަރަހައްދު ތޮއްޖައްސާން މިކުރާ ޚަރަދު އެހެން ދެ ސަރަހައްދަކަށް ކޮށް، ޚިދުމަތާ ވަސީލަތާ ވަޒީފާގެ ބާޒާރަކާއެކު އެތަނެއްގައި ބޯހިޔާވަހިކަމުގެ ސަޕްލައި ރަނގަޅަށް އުފެއްދިއްޖެ ނަމަ، ޑިމާންޑު އޮންނާނޭކަން އެންމެ އާދައިގެ މީހާއަށްވެސް އެނގެއެވެ.

ނާޒިމް ވިދާޅުވީ، ބޯހިޔާވެހިކަމާއި ބިންވެރިކުރުވުމަށް ކަމަށްބުނެ، ވަކިބަޔަކަށް ފައިދާވާ ގޮތަށް ކުރިއަށް ގެންދާ މި ސިޔާސަތަކީ ރައީސް އިބްރާހީމްގެ "ޖަސީރާ ރާއްޖެ" ސިޔާސަތާވެސް ފުށޫއަރާކަމެއް ކަމަށެވެ. ހުޅުމާލެއާ، ވިލިމާލެއާ ގިރާވަރުފަޅާ، ގުޅިފަޅާ ތިލަފަޅު ހިއްކައި، އެތަނުން މާލޭ މީހުންނަށް ހިލޭ ގޯތި ދިނީމާ އަނެއްކާވެސް އެއްކަލަ ފުރުސަތުތައް މަދު އަތޮޅުތެރޭ ރައްޔިތުން މާލެއަށް އަންނާ އިތުރަށް މަގުފަހިކުރެވެނީ ކަމަށެވެ. އަދި މާލޭ މީހުންނަށް ސަލާންޖަހައިގެން، ނޯކިރީ ކޮށްގެން، ރަށްފުށު މީހުން އުޅުނު މާޒީ އަލުން އިއާދަވަނީ ކަމަށެވެ.

"މާލޭ މީހުންނަށް ސަލާންޖަހައިގެން، ކުލިދައްކައިގެން ނޯކިރީކޮށްގެން އެކަން ކުރަމުން ދިޔައީ. މިއަދު އަލުން އަނބުރާ އެ ޘަޤާފަތަށް އަޅުގަނޑުމެން އެނބުރި ދާންވީތޯ؟. އޭރުން މުއްސަނދީން އަދިވެސް މުއްސަނދިވާނީ ކަމަށާއި ފަގީރުން އިތުރަށް ފަގީރުވާނީކަން ފާހަގަކޮށް ނާޒިމް ވާހަކަފުޅުދެއްކެވިއެވެ.

ވަކިބަޔަކަށް މަންފާވާގޮތަށް ގޯތި ދޭން ހިންގާ މަޝްރޫއަށް ފާޑުކިޔަނީ ނާޒިމް އެކަންޏެއް ނޫނެވެ. ކުރީގެ ރައީސް ނަޝީދުވެސް ފާޑުވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވެފައި ވަނީ، "ދެން އޭނާގެ ވޯޓު ގަނެލުމަށްޓަކައި ގޯއްޗެއް ދޭނަމޭ ކިޔައި ދޮގުހެދުމަކީ އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑު ދެކޭގޮތުގައި އެއްވެސް މީހަކު ކޮށްގެންވާނޭ ކަމެއްވެސް ނޫން، އަދި އެކަން ކުރާ މީހަކަށް އެއްވެސް ޙާލެއްގައި މާފެއްވެސް ނުދެވޭނެ" ކަމަށެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީން ރިޔާސީ ރޭހުގައި ވާދަކުރައްވާ މަޝްހޫރު ވިޔަފާރިވެރިޔާ، އަދި މާމިގިލީ ދާއިރާގެ މަޖްލިސް މެންބަރު ގާސިމް އިބްރާހީމްވެސް ވަނީ މިއީ ވަރަށް ނާއިންސާފުން ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.