ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކުރާ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މިއަހަރުގެ ދެވަނަ ފިޔަވަހީގެ ދަށުން ޖުމުލަ 20 މަޝްރޫއެއް ހިންގާން މާލީއެހީތެރިކަން ފޯރުކޮށްދޭނޭ ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ދެނީ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް އެކަންޏެވެ. އަދި ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓް ތަކާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާއާ ހަމަޔަށް އެހީ ދިނުމަށް ކަނޑައަޅާފައިވާ ކަމަށް ގައުމީ ބޭންކުން ބުނެއެވެ.

ގައުމީ ބޭންކުން ބުނީ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މާލެއާއި ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ މި ފަންޑުގެ ދަށުން، ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރޭން އެންމެ ރަނގަޅު 10 ޕްރޮޕޯސަލެއް ހޮވާލެވޭނޭ ކަމަށެވެ.

މިހާރު ހުޅުވާލާފައިވާ ފުރުސަތުގެ ތެރޭން، ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ރޭ 11:59އެވެ. ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު ހުށަހެޅޭނީ އީމެއިލް މެދުވެރިކޮށެވެ. އީމެއިލް ފޮނުވާން ޖެހެނީ [email protected] އަށެވެ.