މިއަހަރުގެ އަޟްޙާ ޢީދުދުވަހު، ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގެ މިސްކިތެއްގެ ކުރިމަތީގައި ކިރިތި ޤުރުއާނުގެ ކޮޕީއެއް އެންދި މައްސަލަގައި އެކަމާ ނުރުހުންފާޅުކޮށް ޕާކިސްތާނުގައި އެތަކެއް ހާސް ރައްޔިތުން އިޙްތިޖާޖުކޮށްފިއެވެ. އެގޮތުން މައި ސަހަރުތައް ކަމަށްވާ ކަރާޗީއާއި ލާހޫރު، އަދި ޕިޝާވަރުގެ މަގުތައް ވަނީ ފުރާލައިފައެވެ.  

އިއްޔެގެ ހުކުރު ނަމާދަށްފަހު، ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ގުރުއާނުގެ ކޮޕީތައް ހިފައިގެން، އެގައުމުގެ މުސްލިމު ރައްޔިތުން ދިޔައީ، އިސްލާމްދީނާއި މުސްލިމުންނަށް ފުރަށްސާރަކޮށް ސްވިޑެންގައި ހިންގި އެ އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށް، ސްވިޑެންއާ ގުޅުން ކަނޑާލައި، އެގައުމު ބޮއިކޮޓް ކުރުމަށްވެސް ގޮވާލަމުންނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު، ޝެހްބާޒް ޝަރީފާއި، ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންވެސް ވަނީ، ޤުރުއާން އެންދުމާ ދެކޮޅަށް އަޑުއުފުލާން ރައްޔިތުންނަށް ގޮވާލައިފައެވެ. އެގޮތުން ޕާކިސްތާނުގެ ސިޔާސީ ލީޑަރުންވެސް ވަނީ، ޤުރުއާނާ ޖެހުނީމައި، ސިޔާސީ ފިކުރުތައް އެއްކިބާކޮށް، މުޅި ގައުމު އެކަތިގަނޑަކަށް ވާނޭކަމަށް ބުނެފައެވެ.

މުޒާހަރާގެ ބައިވެރިން ގޮވަމުންދިޔައީ، އެތަކެއް މިލިއަން މުސްލިމުންގެ އިހްސާސްތަކަށް އަރައިގަތުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނޫންކަމަށާއި، މިނިވަންކަމުގެ ނަމުގައި މިފަދަ ޢަމަލުތައް ހިންގާން ޖާގަދިނުމަކީ ސްވިޑެން ސަރުކާރުން ލަދުގަންނާން ޖެހޭނޭ ކަމެއްކަމަށެވެ.

 

ރިޕޯޓުތައް ބުނާގޮތުން ޕާކިސްތާނުގެ ހުޅަނގުއުތުރުގައި ދިރިއުޅޭ ކްރިސްޓިއަން ދީނުގެ ގްރޫޕަކުންވެސް ވަނީ، ކީރިތި ޤުރުއާން އެންދުން ކުށްވެރިކޮށް، ހުކުރު ދުވަހުގެ މުޒާހަރާތަކުގައި ބަވެރިވެފައެވެ.  

ސްވިޑެންގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އެގައުމުގައި ޤުރުއާނުގެ ކޮޕީއެއް އެންދީ އިރާގަށް ނިސްބަތްވާ ކްރިސްޓިއަނެކެވެ. މީގެ އިތުރުން މިހާދިސާއާ ގުޅިގެން އިސްލާމީ އުންމަތުގެ ނުރުހުމާ ކުރިމަތިލާން ޖެހުމުން، ފަހުން ސްވިޑެން ސަރުކާރުންވެސް ވަނީ އެ އަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް ބުނެފައެވެ. މިއީ ސްވިޑެންގައި ޤުރުއާނަށާއި މުސްލިމުންނަށް ފުރައްސާރަކުރި ފުރަތަމަ ފަހަރެއް ނޫނެވެ.

ކީރިތި ޤުރުއާނުގެ މުސްޙަފެއްގައި ރޯކޮށްލި މައްސަލައަކީ އިސްލާމީ އުންމަތާ ދެކޮށްޅަށް ހިންގާ ޓެރެރިޒަމްގެ އަމަލެއްގެ ގޮތުގައި ދުނިޔޭގެ މުސްލިމުން ގައުމުތަކުން ވަނީ ގޮވާލައިފައެވެ. ސްވިޑެންގައި ދިރިއުޅޭ ކުރުދީ ދަރިކޮޅުގެ މީހުންގެ ހައްޤުތައް ހިމާޔަތްކުރުމަށް ގޮވައިލާ އެ ޤައުމުގެ ހައްދުފަހަނަ އެޅި ޖަމާޢަތްތަކުން ދާދިފަހުން ފެށީ މުޒާހަރާއެއްގެ ތެރޭން، ސްވިޑެންގައި މިފަހަރު މުސްޙަފް އެންދުމުގެ ހަރަކާތް ގެންދިޔައީ، އެގައުމުގެ ފުލުހުންގެ ހިމާޔަތާވެސް އެކުއެވެ.