ނިމިދިޔަ ހަފްތާގައި ރަޝާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ ޗެޗްނިއާގެ މައި ސިޓީ ކަމަށްވާ ގްރޮޒްނީގައި އަލަށް އިމާރާތްކުރި "ނަބީ ޢީސާ މިސްކިތަށް" ޒިޔާރަތްކުރައްވައިފައެވެ. އޭނާ ވަނީ، މިސްކިތުގައި ރަނުން ޖަރީކޮށްފައިވާ ޤުރުއާން މުސްޙަފެއްގައި ބޮސްދެއްވައިފައެވެ.

ޕޫޓިން ގުރުއާނުގެ ކޮޕީއެއްގައި ބޮސްދޭ މަންޒަރު ފެންނަ ވީޑިއޯ ކްލިޕެއް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ޕުޓިންއަށް ގުރުއާނުގެ ރަން ކުލައިގެ ކޮޕީއެއް ހަދިޔާކޮށް، އެ މުސްޙަފުގައި އޭނާ ބޮސްދީ ހިފަހައްޓަވައިގެން ހުންނަވާއިރު އަރިހުގައި ޗެޗްނިޔާގެ ލީޑަރު ރަމަޟާން ކަޑިރޯވް ވެސް ހުންނަވައެވެ. ކަޑިރޯވްއަކީ ރަޝާއަށް ހަނގުރާމައިގައި އެންމެ ބޮޑަށް އެހީތެރިވެދެއްވަމުން ގެންދަވާ އެއް ލީޑަރެވެ.

ޗެޗްނިޔާގެ ލީޑަރު ވިދާޅުވީ، ޕޫޓިންގެ އިންތިޒާރުގައި ތިބޭތާ 13 އަހަރު ވެއްޖެކަމަށެވެ. އަދި "އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންނަށް ވަރަށް ގިނަ މައްސަލަތަކެއް އެބަހުރި، އަޅުގަނޑުމެންގެ ޖުމްހޫރިއްޔަތާއި، ތިޔަބޭފުޅުން މެނުއަލްކޮށް މެނޭޖްކުރައްވާ ކަންތައްތަކެއް އެބަހުރިކަން،" ޕޫޓީންއަށް މަރުހަބާ ދަންނަވަމުން ކަޑިރޯވް ވިދާޅުވިއެވެ.

މަސްޖިދު ނަބީ ޢީސާއަށް ޒިޔާރަތް ކުރެއްވުމުން ޕުޓިންއަށް އެރުވި ގުރްއާނުގެ ކޮޕީގައި އޭނާ ބޮސްދެއްވަނީ--

 

މިއީ ދިގު މުއްދަތެއްގެ ތެރޭގައި، ގާތްގަނޑަކަށް 13 އަހަރު ފަހުން ޕުޓިން ޗެޗްނިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އޭނާ ޗެޗެންއަށް ވަޑައިގެންފައި މިވަނީ، ކުރުސްކްގައި ރަޝިއާގެ ބޯޑަރު ކައިރީގައި ޔޫކްރެއިނުން އަދިވެސް ވަރުގަދައަށް ހަނގުރާމަ ކުރަމުން ދަނިކޮށެވެ.

ޕުޓިންގެ ދަތުރުފުޅަކީ ހަމައެކަނި ޒިޔާރަތްކޮށްލެއްވުމެއް ނޫނެވެ. ދަތުރުފުޅުގައި އޭނާގެ އެންމެ މުޙިއްމު ބޭނުންފުޅެއްކަމުގައި ވަނީ، ޔޫކްރެއިންއާ އެކު ރަޝިއާއިން ކުރާ ހަނގުރާމައަށް އިތުރު ތާއީދު ހޯދުމެވެ.

ޕޫޓިން ވަނީ ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައަށް ސިފައިން ތަމްރީނުކުރާ މަރުކަޒަކަށް ވެސް ވަޑައިގެންފައެވެ. އޭނާ ވަނީ، ޗެޗެން ހަނގުރާމަވެރިންނަށް ވަރަށް ތަޢުރީފުކުރައްވައި، ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން ޗެޗެން ހަނގުރާމަވެރިންގެ ސަބަބުން ރަޝާގެ ސަފުތަށް އިތުރަށް ބަދަހިވެ، ވަރުދަގަ ކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕޫޓިންގެ މި ދަތުރުފުޅުން ފެންނަނީ، ޔޫކްރެއިންއާ އެކު ހަނގުރާމަ ހިނގަމުން ދިޔަ ނަމަވެސް، ރަޝާއަކީ ތަފާތު އެކި ނަސްލުތަކަކާއި،  ދީންތަކަށް ނިސްބަތްވާ، އެހެނަސް ބަދަހި ގައުމެއްކަން ދެއްކުމަށް މަސައްކަތް ކުރެއްވި މަންޒަރެވެ.