ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ޓީމުން މިރޭ ކ. ގުރައިދުއަށް ކުރާން އޮތް ކެމްޕޭން ދަތުރާ ދިމާކޮށް އެރަށުގެ ދެ ގްރޫޕްޕެއްގެ ދެމެދުގައި މާރާމާރީ ހިންގައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުން، ގުރައިދޫ ބަނދަރުމަތީގައި ޕީޕީއެމްގެ ގިނައަދަދެއްގެ ސަޕޯޓަރުން އެއްވެ ތިބިއިރު، އެ ސަރަހައްދަށް މުއިއްޒަށް މަލާމާތްކޮށް ލިޔެފައިވާ ބޯޑުތައް ހިފައިގެން އެމްޑީޕީގެ ގިނަ ސަޕޯޓަރުންވެސް އެއްވެ ތިބެއެވެ. އަދި އެވަގުތު ދެ ޕާޓީގެ ބައެއްގެ މެދުގައި ހިނގި ޒުވާބަށްފަހު ގަޔަށް ބޮލަށް އަރައި މާރާމާރީ ހިންގަންފެށީއެވެ.

މާރާމާރީ ހިނގަމުންދިޔައިރު، ޕީޕީއެމްގެ އިސް ފަރާތްތަކުން އެސަރަހައްދުގައި މާރީމާރީ ކޮންޓްރޯލްކުރާން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެމްޑީޕީއާއި ޕީޕީއެމްގެ ސަޕޯޓަރުން ވަރުގަދަ ޒުވާބާއެކު ގަޔަށްބޮލަށް އަރަމުން ދިޔައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، އެސަރަހައްދުގައި އެވަރުގެ ބޮޑު މާރާމާރީއެއް ހިނގަމުން ދިޔައިރު، އެތަނުން ފެންނާންތިބީ މަދު އަދަދެއްގެ ފުލުހުންނެވެ. އަދި މައުލޫމާތު ލިބޭގޮތުން، އެރަށުގައި މިވަރުގެ ކަމެއް ހިނގައިދިޔައިރު، ތިބީ 7 ވަރަކަށް ފުލުހުންނެވެ.

ޑރ. މުޢިއްޒުގެ ކެމްޕޭން ދަތުރާ ދިމާކޮށް ކ. ގުރައިދޫގައި ޕީޕީއެމްއާއި އެމްޑިޕީ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިންގައި މާރާމާރީއަކަށް--

 

މިކަމާ ގުޅިގެން މީޑިއާތަކުން ފުލުހުންނާ ސުވާލުކުރުމުން ބުނީ، "ކ. ގުރައިދޫގައި ދެބައެއްގެ މެދުގައި މިއަދު ހިންގި މާރާމާރީއެއްގައި ބަޔަކަށް އަނިޔާވެފައިވޭ. މި ހަމަ ނުޖެހުމާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި" ކަމަށެވެ.

ގުރައިދޫން ޕީޕީއެމްގެ ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އެރަށަށް ވަޑައިގަންނަވާ ގަޑީގައި ހަމަނުޖެހުން ހިންގުމަށް ދުރާލައި ރާވައި، އެ ފުރުސަތު ދިނުމަށް ފުލުހުންވެސް ވަނީ ނިންމައިފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ފުލުހުން ބުނީ، ގުރައިދޫގައި ހިންގި މާރާމާރީ ތަހްގީގުކުރަމުންދާ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ރައްރަށަށް ވަޑައިގަންނަވާ ދަތުރުތަކާ ދިމާކޮށް އިދިކޮޅުން އަޑުއުފުލާތީ، ފުލުހުން ދަނީ ރަޔަޓްގިރާއެކު އާންމުންނާ ކުރިމަތިލައި ރައްޔިތުން މައިތިރިކުރަމުންނެވެ. ނަމަވެސް ގުރައިދޫގައި މިވަރުގެ ކަމެއް ހިނގައިދިޔައިރު ފުލުހުން އެވަރަށް ތައްޔާރުވެފައި ނެތުމުން އާންމުންގެ ގިނަބަޔަކު ދަނީ ފުލުހުން ސިޔާސީވަނީތޯ ސުވާލުއުފައްދަމުންނެވެ.