ވޭތުވެދިޔަ 5 އަހަރަކީ ރާއްޖޭގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަ 5 އަހަރު ކަމަށާއި އެ ކަންކަން އެގޮތަށް ކުރެވުނީ، ރައްޔިތުންނަށް ބަސްބުނުމާއި ޚިޔާލުފާޅުކުރުމަށް ފުރުސަތު ދިނުމުން ކަމަށް، ދެވަނަ ދައުރެއް ހޯއްދެވުމަށް ކެޕްމޭން ކުރައްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލަށް ކުރައްވާ ރިޔާސީ ކެމްޕޭން ދަތުރުފުޅުގައި ތ. މަޑިފުށީ ރައްޔިތުންނާ މުޚާތަބުކުރައްވައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް ވިދާޅުވީ، ރައީސް ޔާމީނުގެ ދުވަސްވަރު އޮތީ އަނިޔާވެރިކަން ކަމަށާއި ރައްޔިތުން ބޭނުންވީ އެ އަނިޔާވެރިކަން ބަދަލުކުރަން ކަމަށެވެ. އެހެންކަމުން 2018 ވަނައަހަރު އެމަނިކުފާނާ ވެރިކަން ހަވާލުވުމުން، އޭރު އޮތް އަނިޔާވެރިކަން މިހާރު ނިމުމަކަށް ގެންންވާފައިވާ ކަމަށެވެ.

" ތަފާތު ޚިޔާލުތަކަށް އަޅުގަނޑުމެންނަށް ޖާގަ ދެވިއްޖެ، ބިރުވެރިކަމެއް ނެތި ބަސްބުނުމުގެ ފުރުސަތު ދެވިއްޖެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، "އަދި ވެރިކަމެއް ކުރުމުގައި ސަރުކާރަށް ފާޑު ކިޔުމަކީ ސަރުކާރުން ކުރާ ކަންތައްތަކަށް ޚިޔާލު ފާޅު ކުރުމަކީ އެއީ މައްސަލައެއް ކަމަށް ނުވެ މިހާރު ސަރުކާރު އެބަ ހިންގޭ، އެފުރުސަތު މިއަދުވެސް އެބައޮތް" ކަމަށެވެ.

ރައީސް އިބްރާހީމް ޢިޝާރާތްކުރެއްވީ، ކުރީން ރައީސް ޔާމީންގެ ސަރުކާރުން 2016ގައި ގާނޫނަށް އިތުރުކުރި މާއްދާއަކާއެކު ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށްލި މައްސަލައަށް ކަމަށް ބެލެވެއެވެ. އެހެންކަމަށް ވާނަމަ، ވޭތުވެ ދިޔަ 5 އަހަރުވެސް މިދިޔައީ ހަމަ އެ އަނިޔާވެރިކަމުގެ ތެރޭގައެވެ. ރައީސް އިބްރާހީމްގެ 2018 ވަނަ އަހަރުގެ ރިޔާސީ ވަޢުދެއް ކަމަށްވާ އެއްވެ އުޅުމުގެ ހައްގު ހަނިކުރާ މާއްދާ އިސްލާހުކުރުން އަދިވެސް އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ތާށިވެފައެވެ. އަދި މާލޭގައި މުޒާހަރާއެއް ކުރުމުގެ ފުރުސަތު ވެސް ދީފައެއް ނުވެއެވެ. މުޒާހަރާއެއް ކޮށްފި ނަމަ ފުލުހުންގެ އަނިޔާވެރިކަމާ ކުރިމަތިލާން ޖެހެއެވެ.

ސަރުކާރާ ދެކޮޅަށް އަޑުއުފުލުމުން، ރަޔަޓް ފުލުހުންނާއެކު ރަށްރަށުގެ އާންމުން ސައިޒުކުރަމުން ދާއިރު، ރައީސް ވިދާޅުވީ، "އަޅުގަނޑު ކެމްޕޭނުގައި ކުރަމުން މިގެންދާ ދަތުރުގައި ފެންނަނީ ވަރަށް އުފާވެރި މަންޒަރެއް،" ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން އެދުވަހުގެ މަތިން ހަނދާން އެބަހުރި، އެފަސްއަހަރު ތަހައްމަލް ކުރި ވޭނާއި ކެކުޅުން، ކުރަން ޖެހުނު އާދޭހާއި އަދި އޭގެ ފަހުން އަޅުގަނޑުމެން ކުރަމުންމިގެންދިޔަ މަސައްކަތްތައް،" ދެވަނަ ދައުރެއް އެމަނިކުފާނަށް ދެއްވާން ޖެހޭ ސަބަބުތައް ރައީސް އިބްރާހީމް ވިދާޅުވެދެއްވިއެވެ.