ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދ. ކުޑަހުވަދުއަށް ވަޑައިގަތް ވަގުތާ ދިމާކޮށް، އަމިއްލަ ގޯތީގައި ހުރެގެން ރައީސް އިބްރާހީމާ ދެކޮޅަށް ޚިޔާލުފާޅުކުރި އެ ރަށުގެ ކައުންސިލަރަކު ހައްޔަރުކޮށްފިއެވެ.

ކުރިން އެމްޑީޕީގައި ހުންނެވި، ނަމަވެސް ފަހުން ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން ހުންނެވި، ކުޑަހުވަދޫ ކައުންސިލްގެ މެންބަރު އަޙްމަދު މަޢުރޫފު ހައްޔަރުކުރުމުން ދަ ޑިމޮކްރެޓްސް އިން ވަނީ އެކަން ކުށްވެރިކޮށް، އަދި އޭނާ ވަގުތުން ދޫކޮށްލާން ގޮވާލައި ބަޔާނެއްވެސް ނެރެފައެވެ.

ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނީ، ދ. ކުޑަހުވަދުއަށް ރައީސް އިބްރާހީމް ކުރައްވާ ދަތުރުފުޅާ ގުޅުވައި، ދަ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް މެންބަރު އަދި ކުޑަހުވަދޫގެ ކައުންސިލް މެންބަރު އަހްމަދު މައުރޫފުގެ އަމިއްލަ ގޭގައި ޝުޢޫރުފާޅުކުރައްވަމުން ގެންދަވަނިކޮށް، ހައްޔަރުކުރި ކުރުން ކުށްވެރިކުރާ ކަމަށެވެ.

"ރައީސް ޞާލިހު ވެރިކަމަށް ވަޑައިގަތީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަން ހިމާޔަތްކުރާން ވައުދުވަމުން،" އެ ބަޔާނުގައިވެއެވެ. "ނަމަވެސް ދެވަނަ ދައުރެއް ހޯއްދެވުމަށް ކަމަށް ވިދާޅުވެ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުތަކުގައި ކޮންމެ ރަށަކުން ހެން ރައްޔިތުން ނުކުމެ، އިހްތިޖާޖުކޮށް، މިވެރިކަމާމެދު ނުރުހުންފާޅުކުރަމުން ދާއިއުން، ސަލާމަތީ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރައްވައިގެން ދަނީ ހުއްޓުވަމުން."

ޑިމޮކްރެޓްސްއިން ބުނީ، "ރައީސް ޞާލިހު ހަތްކޮޅުގައި އަރައިވަޑައިގަތީ، ރަޔަޓް ގިޔަރުގައި ތިބި ފުލުހުންނާއި ސިފައިން ލައްވައި ރައްޔިތުން އޮބަހައްޓައިގެން" ކަމަށެވެ.

ރައީސް އިބްރާހީމްގެ ސަރުކާރަށް ރައްޔިތުންގެ ތާޢީދު ނެތް ކަމަށާއި،  ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންދާ ރައްޔިތުން ހައްޔަރުކުރުން ފަދަ އަނިޔާވެރި، ހުދުމުޚުތާރު އަމަލުތައް މިހިނދުން ހުއްޓާލުމަށްވެސް އެޕާޓީން ގޮވާލާފައިވެއެވެ.