ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަޙައްދުން ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓަށް މިހާތަނަށް ހުށައަޅާފައިވަނީ 600 ޝަކުވާ ކަމަށާއި މީގެ ތެރޭގައި އެ ލިސްޓަށް ބަދަލެއް ގެންނާން ޖެހޭވަރުގެ ޝަކުވާއެއް ނެތްކަމަށް ސަރުކާރުގެ ފަރާތުން އެކަމާ ހަލާލުވެތިބި ކޮމެޓީން ބުނެފިއެވެ.

މާލޭން ބަހާލަން ނިންމާފައިވާ އެތައް ސަތޭކަ މިލިޔަން ރުފިޔާގެ އަގުހުރި ގޯތިތަކުގެ މައްސަލައިގައި ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކޮށް، މިއީ އެންމެ އިންސާފުން ކުރެވޭނޭ ކަމެއްކަމަށް ނުދެކޭކަން ހާމަކުރަމުންނެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް އަނަސް ޢަބްދުއްސައްތާރް ވިދާޅުވީ، ބިންވެރިޔާ ސްކީމާ ގުޅޭގޮތުން އާންމުންގެ މެދުގައި ތަފާތު ވާހަކަތައް ދެކެވެމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް އެ ލިސްޓަށް ކުރިމަތިލާފައިވާ މީހުންގެ ހާލަތު ވަރަށް ރަނގަޅަށް އެ ކޮމިޓީގެ މެންބަރުންނަށް އެނގޭ ކަމަށާއި ލިސްޓް ފައިނަލުވެގެންދާއިރު އެ ކޮމިޓީއަށް ޖަވާބުދާރީ ނުވެވޭވަރުގެ ނަމެއް އެ ލިސްޓުގައި ނޯންނާނޭ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ރިޔާސީ ދައުރު ނިމޭން 3 މަހެއްހާ ދުވަސް ބާކީއޮތްއިރު، ރައީސް އިބްރާހީމްގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ވައުދުފުއްދުމަށް، ސަރުކާރުން މިހާރު ޚާއްސަ އަހައްމިއްޔަތެއް ދީގެން މަޝްރޫއު ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ގެދޮރުވެރިޔާ ޕްރޮގްރާމްގެ ފްލެޓްތައް ލިބޭމީހުން ވަރަށް އަވަހަށް އާންމުކުރާނޭކަމަށް ސަރުކާރުން ބުނެފައިވާއިރު، ބިންވެރިޔާ ލިސްޓު އާންމުކުރީ ޖޫން 26ގައެވެ. އަދި ޝަކުވާ ހުށަހަޅަން ހުޅުވާލާފައި ވަނީ ޖުލައި 15ގެ ނިޔަލަށެވެ.