"ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް"ގައި ރާއްޖެއަށް ރަންވަނަތައް ހޯދައިދިން އެތުލީޓުންނާ ރައީސް އިބްރާހީމް މުޙައްމަދު ޞާލުޙުގެ ދެކަނބަލުން ބައްދަލުކުރައްވައިފިއެވެ.

ޖޫން 17 އިން 25 އަށް ޖަރުމަނުވިލާތުގެ ބާރލިންގައި ބޭއްވި މި މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ 2 ރަންމެޑަލްއާ 1 ލޯ މެޑެލް ހޯދާފައެވެ.

ރާއްޖެއަށް ރަންވަނަތައް ހޯދައިދިން ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ޓީމުގެ އެތުލީޓުންނާ އެފަރާތްތަކުގެ ބެލެނިވެރިންނާއި އަދި ޑެލިގޭޝަނުގެ މެންބަރުންނާއި ބައްދަލުކުރައްވައި ރައީސް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ ބޮޑު މުބާރާތަކުން ރާއްޖޭގެ އެތުލީޓުން ވަރަށް ފުރިހަމަ ކާމިޔާބީއެއް ޙާޞިލުކޮށްފައިވާތީ އެކަން ފާހަގަކުރައްވައި މި ކާމިޔާބީ ހޯދުމުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޚާއްޞަކޮށް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއާ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އަދާކޮށްފައިވާ މުހިންމު ދައުރު ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ޖަރުމަނުގެ ބާލިންގައި ބޭއްވި "ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް"ގައި ދުނިޔޭގެ އެތައް ޤައުމަކުން 6500އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވެ ވާދަކޮށްފައިވެއެވެ.