މާލޭ ގުރާބުތުނޑި ސަރަހައްދުގައި މިހާރު ހިންގަމުން އަންނަ ވިޔަފާރި ބަނދަރާއި އަދި ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރަކާއެކު ގުޅިފަޅު ތަރައްގީވެގެންދިއުމުން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓަށް ބޮޑު ކުރިއެރުންތަކެއް ލިބޭނޭ ކަމަށް ރައީސް އިބްރާހީން މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ނަމުގައި، ގުޅީފަޅުން މިހާރު ހިއްކާފައިވާ ބިމަށް 150 ހެކްޓަރުގެ ބިން އިތުރުކުރަން މިއަދު ފެށި، 2 ބިލިއަން ރުފިޔާގެ ބިޔަ ބިންހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވަމުން ރައީސް އިބްރާހީމް ވިދާޅުވީ،ގުޅިފަޅު ހިއްކައިގެން ތަރައްގީކުރާ ބިމުން ދޭނީ ހަމައެކަނި ބަންޑާރަ ގޯތި ނޫންކަމަށާއި އެތަނަށް މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ އިތުރުން، މިހާރު ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރެއް ގާއިމުކުރުމަށް ބޭނުންވާ ކުރެހުންތައްވެސް ނިމިފައިވާ ކަމަށެވެ.

އޭގެ އިތުރުން މާލޭގެ އުތުރުފަރާތުގައާއި އެކި ސަރަހައްދުތަކުގައި ހުރި ބޮޑެތި ގުދަންތަކާއި ވާކްޝޮޕްފަދަ ތަންތަނާއި ބައެއް ވިޔަފާރިތައްވެސް ގުޅިފަޅަށް ބަދަލުވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅީފަޅަކީ ރައީސް އިބްރާހީމްގެ ރިޔާސީ އެއް ވައުދުކަމަށްވާ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ބިންކަނޑާނޭކަމަށް ވައުދުވި އެއް ސަރަހައްދެވެ. އެގޮތުން މިހާރު ހިއްކަން ފަށާފައިވާ ސަރަހައްދުން ގާތްގަނޑަކަށް، 2000 ގޯތި ދޫކުރާން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 192 ހެކްޓަރުގެ ބިން ހިއްކާން ހަވާލުކޮށްފައި ވަނީ، 120 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)އަށް ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ. ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ގުޅިފަޅު ފުރަތަމަ ފިޔަވަހިވެސް ހިއްކީ ހަމަ މިކުންފުންޏާ ހަވާލުކޮށްގެންނެވެ.