ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ގިނަ ސިޔާސަތުތަކެއް ގުޅިފައިވާ، ވިލިމާލެއާ ތިލަމާލެއާ ދެމެދުގައި އޮންނަ ގުޅީފަޅު އިތުރަށް ހިއްކުމުގެ ބިޔަ މަޝްރޫއު މިއަދު ފަށައިފިއެވެ.

މި މަޝްރޫއު ފައްޓަވައިދެއްވީ ރައީސް އިބްރާހީމެވެ. ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުންވެސް ވަނީ، ވިލިމާލެ2ގެ ނަމުގައި ގުޅީފަޅު އިތުރަށް ހިއްކައި، އަދި ފުށިދިއްގަރު ފަޅުވެސް ހިއްކައި ތަރައްގީކޮށް، ރައްޔިތުމީހާ ތަފާތުކުރުމެއް ނެތި، ރާއްޖޭގެ އާބާދީގައި ހިމެނޭ ގޯތިބޭނުންވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް އެތަނުން ގޯތިދިނުމުގެ ބޮޑު ޕްލޭނެއް އިއުލާނުކޮށްފައެވެ. ހަމަ އެހެންމެ ގުޅީފަޅަކީ ރައީސް އިބްރާހީމްގެ ރިޔާސީ އެއް ވައުދުކަމަށްވާ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ބިންކަނޑާނޭކަމަށް ވައުދުވި އެއް ސަރަހައްދެވެ. އެގޮތުން މިހާރު ހިއްކަން ފަށާފައިވާ ސަރަހައްދުން ގާތްގަނޑަކަށް، 2000 ގޯތި ދޫކުރާން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 192 ހެކްޓަރުގެ ބިން ހިއްކާން ހަވާލުކޮށްފައި ވަނީ، 120 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)އަށް ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ. ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ގުޅިފަޅު ފުރަތަމަ ފިޔަވަހިވެސް ހިއްކީ ހަމަ މިކުންފުންޏާ ހަވާލުކޮށްގެންނެވެ.