ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯއްޗަށް ޝަރުތު ފުރިހަމަވާ 10314 މީހުންގެ ލިސްޓު ޢާންމުކޮށްފިއެވެ.

ހޯމަދުވަހު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރީންނާ ބައްދަލުކުރައްވައި، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ، "ބިންވެރިޔާ ސްކީމް" ކުރިޔަށް ގެންދިޔަ ގޮތުގެ މައުލޫމާތު ނޫސްވެރިންނާއި ޙިއްޞާކުރައްވާފައެވެ.

އެގޮތުން "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ވަގުތީ ލިސްޓް މިހާރު ވަނީ، ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފައެވެ.

މާލެއިން ބޯހިޔާވަހިކަމަށް އެދި، 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަން ހުށައަޅާފައިވާއިރު، އޭގެ ތެރޭން ސަރުކާރުން ބަލާ ޝަރުތު ފުރިހަމަވާ، 19858 މީހުން ހިމެނޭގޮތަށް 12794 ފޯމު ހިމެނޭކަނަށް އަސްލަމް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10314 މީހުން ހިމެނިފައިވެއެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައިމަހުގެ 15ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.