ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަދި މިހާރު އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، އެޕާޓީ އުފެއްދުމުގެ އެންމެ އިސް މޭސްތިރިޔާ، މުޙައްމަދު ނަޝީދު، އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.

މީގެ 17 އަހަރާ 11 މަހާ 30 ދުވަސް ކުރީން، ރައީސް ނަޝީދު އިސްކޮށްހުންނަވައި، ބަންނަވައި ރެޖިސްޓްރީ ކުރެއްވި ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ އޮޑި ދޫކުރެއްވިކަން އިޢުލާނުކޮށް އެމަނިކުފާނުގެ އަތްޕުޅުން ލިޔުއްވައި، އެމްޑީޕީގެ ޗެއަރޕާސަނަށް ފޮނުއްވި ސިޓީގައި ވަނީ، "ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުން ދާގޮތަށް ބަލާ، އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުދެކޭކަމުން، އަޅުގަނޑު ތިޔަ ޕާޓީއިން ވަކިވި ވާހަކަ ދެންނެވީމެވެ." މިހެންނެވެ.

ސިޔާސީ އެކި އަޑިގުޑަންތަކުގައި އެމްޑީޕީ ހޯދި ހުރިހާ ކާމިޔާބީއަކާއި ނާކާމިޔާބީވެސް، އެންމެ ގާތުން ހިއްސާކުރައްވަމުން ގެންދެވި، އަދި ރާއްޖޭގެ ސިޔާސީ މަސްރަހްގައި ގިނަ ބަޔަކު އެމްޑީޕީގެ ރޫހާނީ ލީޑަރުގެ ގޮތުންގައި ސިފަކުރާ، ނަޝީދު އެމްޑީޕީގެ ޢުމުރުން 18 އަހަރުވާން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް،  އެއޮޑި ދޫކުރައްވައި، ވަކިވިކަން ޢިއުލާނުކުރައްވާފައި މިވަނީ، އެމަނިކުފާނުގެ އެންމެ ގާތް މިތުރު، ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ރައީސް ނަޝީދުގެ ފިކުރު ވަރަށް ބޮޑަށް ތަފާތުވެ، މި ދެބޭފުޅުންވެސް، ރާއްޖޭގެ ވެރިކަމުގައި އިތުރު ފުރުސަތެއް ލިބޭތޯ ވާދަކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ އެންމެ ފަހުން، ބޭއްވި ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމާ ވާދަކުރައްވައި، ރައީސް ނަޝީދަށް ނާކާމިޔާބު ލިބިވަޑައިގަތުމުން، "ފިކުރެއްގެ ދިރުން" ނަމުގައި ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ފެށި މަސައްކަތާއެކު ޕާޓީ ރަނގަޅަށް ދެބައިވެ އޭގެ ތެރޭން އެއްބަޔަކު ނުކުމެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް އެބަދެއެވެ. އަދި ބެލެވޭ ގޮތުގައި ރައީސް ނަޝީދު ރައީސް އިބްރާހީމާ ވާދަކުރައްވާނީ، އަލަށް ބަންނަ ސިޔާސީ އޮޑީގެ މާލިމީގެ ގޮތުގައެވެ.