ރާއްޖޭގެ ޑިމޮކްރެޓިކް ވެށި ސަލާމަތްކުރުމަށް ކުރައްވަންޖެހިވަޑައިގަތް ކޮންމެކަމެއް ކުރައްވާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވުމަށްފަހު ނޫސްވެރީންނާ ބައްދަލުކުރައްވައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމަށް ގެނައި ޕާޓީ (އެމްޑީޕީ)ން އެމަނިކުފާނު އެ މަގާމުން ވަކިކުރާން އިތުބާރުނެތްކަމުގެ މައްސަލައެއް ދެވަނަ ފަހަރަށް މަޖިލީހަށް ވައްދާފައި ވަނިކޮށް، އިސްތިއުފާ ދެއްވީ ހޯމަދުވަހުއެވެ. އެއަށްފަހު ނޫސްވެރީންނާ ބައްދަލުކުރައްވައި ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީއަށް ގެއްލުންވަމުންދާކަމުގައިވަނީނަމަ އެމަންޒަރު ބައްލަވަން ނުހުންނަވާނެކަމަށެވެ.

ކުރީން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުންވެސް އިސްތިއުފާ ދެއްވި ރައީސް ވިދާޅުވީ، ދިވެހި ޤައުމަށް އެމަނިކުފާނު ކުރެއްވި ޚިދުމަތަކީވެސް އަދި ދިވެހި ރައްޔިތުންނަށް އެމަނިކުފާނު އެނގިވަޑައިގަންނަވާގޮތަކީވެސް ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ނޫންކަމަށެވެ. 

މަޖިލީހަށް ދެވަނަ ފަހަރަށްވެސް އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދީ، މެންބަރުން އެގޮތަށް ބޭނުންވެގެން ނޫންކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، "މިކަން ހިނގައިގެން މިދިޔަ ގޮތުން ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިއީ ކިހިނެތް ހިނގިކަމެއްކަން. އެއްފަހަރު 50 އެތައް މެމްބަރުންގެ ސޮޔާއެކު މައްސަލައެއް ލައްވުވައިފި. ލެއްވުމަށްފަހު ނަންގަވައިފި. ނަންގަވާފައި ހަމަ އެޢިބާރާތްތައް އަނެއްކާ ލައްވުވައިފި އޭގެ ހަފްތާއެއްފަހުން. އެދޭތެރޭގައި މަޖިލީހުގައި ޙަގީގަތުގައި މާގިނަ ކަންތައްތަކެއް ހިނގީއެއްވެސް ނޫން." ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސީ ޙަޔާތްޕުޅުގައި އަބަދުވެސް ބެއްލެވީ ޤައުމާއި އަދި އެމަނިކުފާނު އެވަގުތެއްގައި ޚިދުމަތްކުރައްވަމުން ގެންދެވި ތަނެއްގެ މަސްލަޙަތަށްކަމަށެވެ.

"އަބަދުވެސް ބަލަންވާނީ އިސްޓިޓިއުޝަނަށް ގެއްލުމެއްވާނެތޯ، ނުވަތަ ނޫންތޯ. މިއިންސްޓިޓިއުޝަންގެ ބާރުކެނޑޭ އެތައް ކަމެއްވަމުންދާންފެށީމާ ދެން އަޅުގަނޑު ދެކެނީ މިމުއައްސަސާއަށް، މިމަޖިލީހަށް ގެއްލުންވާފަދަ ކަންތައްތަކެއްވުމަށް އަޅުގަނޑު ޖާގަ ދީގެން ހުރުމަކީ ރަނގަޅުކަމަކަށްނުވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.