މިވަގުތު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ، އެމްޑީޕީން މަޖިލީހަށް ދޭ ގެއްލުން އިތުރަށް ބޮޑުވެގެންދާނެތީ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. 

ރައީސް ނަޝީދު، މަޖިލީހުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، އެ މަގާމުން އެމަނިކުފާން ވަކިކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރުމަށް ޖަލްސާ ބާއްވަމުން ދަނިކޮށެވެ.

އިސްތިއުފާދެއްވައި އެމަނިކުފާނު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ، އިސްތިއުފާދެއްވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ މައްސަލައާ ހެދި ރާއްޖޭގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރުތަކަށް ބައްލަވާފައި ކަމަށެވެ. އަދި މަޖިލީހުގައި އަޣުލަބިއްޔަތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީން (އެމްޑީޕީ) ޑިމޮކްރެޓިކް އަސާސީ އުސޫލުތަކަށް ނުރައްކާވާފަދަ ޢަމަލުތަކެއް ހިންގާފައިވާތީ ކަމަށެވެ.

ދެވަނަ ފަހަރަށް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްފަހު އެމްޑީޕީންވަނީ މަޖިލީހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވާނެ ހުރިހާކަމެއްކޮށްފައިވާ ކަމަށާއި، މަޖިލީހުގެ އަމިއްލަ ގަވާއިދަކީ މަޖިލީހުގެ މެމްބަރުން އެކުލަވާލާ ގަވާއިދަކަށްވާއިރު އެގަވާއިދު މާނަކުރުމަށްކަމަށްބުނެ ފަނޑިޔާރުގެއަށް ދިޔަ ދިޔުމަކީ މަޖިލީހުގެ ބާރު ހަނިކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.  

ސިޔާސީ ކަންކަމަކީ މަޝްވަރާގެ އުސޫލުން ގައުމީ މަސްލަހަތު ކުރިއަށް ނެރެ އެއްބަޔަކު އަނެއްބަޔަކަށް ދޫދީގެން ހއްލުކުރަންޖެހޭކަންކަން ކަމަށާއި، އެމަނިކުފާނުގެ އިސްތިއުފާއަކީ ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި ހަމަޖެހުމާއި، ނަޒާހަތްތެރިކަން އަލުން އާލާކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އުއްމީދުކުރައްވާކަމަށްވެސް ނަޝީދުގެ އިސްތިއުފާ ސިޓީފުޅުގައި ވެއެވެ.

ޤައުމަށް އެންމެ ފައިދާ ހުރީ އެމަނިކުފާނު އިސްތިއުފާ ދެއްވުމުން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން އިސްތިއުފާ ދެއްވައި، އަދި އޭގެ ފަހުން އެމްޑީޕީންވެސް އިސްތިއުފާދެއްވި ކުރީގެ ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވިއިރު، އެމްޑީޕީން ވަމީ، 49 މެންބަރުންގެ ސޮޔާއެކު މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ދެވަނަ ފަހަރަށް މަޖިލީހަށް ވައްދައިފައެވެ.