އެކި ޢުމުރުފުރާތަކަށް އަމާޒުކޮށްގެން، އެ ޢުމުރުފުރަޔަކާ އެކަށީގެންވާ، އޮއްޓަރު ހުރި ފޮތްތައް ދިވެހި ބަހުން ލިޔެ ޢާންމުކުރަމުން ގެންދިއުމަށާއި ވަކީން ޚާއްޞަކޮށް ކުޑަކުދިން ކިޔަން އެކަށީގެންވާ އޮއްޓަރު ހުރި ޢިބްރަތްތެރި ދިވެހި ފޮތްތައް، ގިނަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެދިވަޑައިގެންނެވިއެވެ.

މިއަހަރުގެ ލިޔުންތެރިންގެ ގުޅުމުގެ ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށާއި އެޖަމުޢިއްޔާގެ 13 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް ވިދާޅުވީ، ދިވެހި މާޙައުލުގައި އުޅެ ބޮޑެތިވަމުން އައިނަމަވެސް، ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭ ކުދިން ތިބޭކަމީ ފުންކޮށް ވިސްނަންޖެހޭ ޤައުމީ މައްސަލައެއްކަމުގައެވެ.

 

ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް އަހުލުވެރިވެފައިވާ މިންވަރާމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށާއި، ކުދިންގެ ތޫނުފިލިކަމާއި ޢިލްމީ ޤާބިލުކަން ވަރަށް މަތީގައި ހުރިނަމަވެސް ބައެއް ކުދިން ދިވެހި ބަހާ ވަރަށް ދުރުކަން އެމަނިކުފާނު ފާހަގަކުރެއްވފިއެވެ.

އަދި މި މައްސަލަ ޙައްލުކުރުމަކީ ސަރުކާރާއި އަދީބުންނާއި ބަހުގެ އުސްތާޒުންނާއި އަދި މުޅި މުޖުތަމަޢުގެ ވެސް މަސްއޫލިއްޔަތެއްކަން އެމަނިކުފާނު ފާހަގަކުރައްވައި، މިއީ އަވަސް ޙައްލެއް ނުހޯދައިފިނަމަ އިޢާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް އަދަބިއްޔާތަށް ކުރިމަތިވެދާނެ މައްސަލައެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.