ބައިބައިވުން އުފެދިދާނެ އެންމެހައި ކަންކަމުން ސިވެހި ސިފައިން ދުރުހެލިވެ ތިބުމަށާއި، ދިވެހި ސިފައިންގެ ބޯހިޔާވަހިކަމަށާއި މުސާރައަށް ހެޔޮބަދަލުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރެވެމުން ދާކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެން ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާޙީމް ވަނީ، ދިވެހި ސިފައިންނަށާއި، ފުލުހުންނަށް ހެޔޮ ބަދަލުތަކެއް ގެނެވޭނޭކަމުގެ ޚަބަރު ދެއްވާފައެވެ.

އެގޮތުން، އެމަނިކުފާނު ވިދާޅުވީ، ސިފަންނަށް ހުޅުމާލެ ފޭސް 2 ގައި ވެސް، 138 ޔުނިޓްގެ ފްލެޓް އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކަޅުތުއްކަލާ ކޮށީގައިވެސް، ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް މިއަހަރު ބީލަމަށް ލެވޭނެ ކަމަށާއި، މީގެ އިތުރުން ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ މުސާރައަށް ވެސް، ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.

ރިޔާސީ އިންތިޚާބު ކުޑަތަންވަމުން އަންނައިރު، ސިޔާސީ ބާރުވެރި ފަރާތްތަކުން، މިފަދަ ވައުދުތައް ވަމުން ދިއުމަކީ، ސަލާމަތީ ބާރުތަކުގައި ތިބޭ ފަރާތްތަކަށް، ސިޔާސީ ކަންކަމުގެ ތެރެއަށް މަގުފަހިވެދާނޭކަމަށް، ބައެއް ފަރާތްތަކުން ދެކެއެވެ.

ރައީސް އިބްރާހީމްގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ވެރިކަމުގެ ނިމިދިޔަ ހަތަރު ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދިވެހި ސިފައިންގެ ޤާބިލުކަން މީގެ ކުރިން ދުވަހަކުވެސް އިތުރުކުރެވިފައި ނުވާހާ މަތީ މިންވަރަކަށް މިހާރުވަނީ އިތުރުކުރެވިފައި ކަމަށް ވިދާޅުވިއެވެ.