ވަސީލަތްތައް ކިތަންމެ މަދު ގައުމެއް ނަމަވެސް، ރައްޔިތުންގެ އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ، ކާމިޔާބީ ލިބޭނޭ ކަމަށާއި، ޤައުމުގެ ތަރައްޤީއާއި ޤައުމަށް ފައިދާހުރި ކަންކަމުގައި ހުރިހާ ރައްޔިތުން ވެސް އެއްބައިވަންތަކަން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިލްތިމާސްކުރައްވައިފިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ 26 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން، ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވެވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވިދާޅުވީ، ރައްޔިތުންނާ ހަމަޔަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުންފުންޏެއްގައިވިޔަސް ނުވަތަ އޮފީހެއް ވިޔަސް، އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުން އެކުވެރި، އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަކީ ވަރަށް މުޙިއްމު ކަމެއް ކަމަށެވެ.

ސްޓެލްކޯ އަކީ ވަރަށް މުހިންމު އަސާސީ ޚިދުމަތެއް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްކަން ފާހަކުރައްވައި، ސްޓެލްކޯއިން މާލެއާއި، މާލެ ސަރަޙައްދުގެ ކަރަންޓާއި ނަރުދަމާގެ ނިޒާމަށް ޒަމާނީ ތަރައްގީ ގެނެސްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.