ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ދައުވާ ކުރިއަށް ނުގެންގޮސް ފައިލްކުރާން އެ އޮފީހުން ނިންމުމުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަލީ ވަހީދަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ކަންވެސް ކުރައްވާ ޤާސިމް އިބްރާހީމް ކުރެއްވި ޓްވީޓެއްގައި ވަނީ "އޮނަރަބްލް ޢަލީ ވަހީދަށް ފައްފަށުން މަރުހަބާ" ވިދާޅުވެފައެވެ.

ގާސިމް މީގެ ކުރީން ވަނީ، އަލީ ވަހީދު ވަނީ "ފްރޭމް"ކޮށްފައި ކަމަށްވެސް ވިދާޅުވެފައެވެ.

ޖުމްހޫރީޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދުގެ މައްޗަށް، އަންހެން މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި، ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ، ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ، ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ،  ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއަކާއެކު ޖުމްލަ ހަތް ދައުވާއެއް ކޮށްފައިވެއެވެ.

ޖިންސީ ގޯނާގެ ތުހުމަތު ތަކާއެކު، ވަޒީރުކަމުން އިސްތިއުފާ ދޭން ރައީސް އެންގެވުމުން އިސްތިއުފާ ނުދެއްވުމުން، 2020 ވަނަ އަހަރުގެ ޖުލައި 9 ވަނަ ދުވަހު އޭނާ މަގާމުން ވަކިކުރެއްވިއެވެ.

ޖިންސީގޯނާގެ މައްސަލަކުރިއަށް ދަނިކޮށް، އަލީވަހީދު ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10ގައި ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރައިފައެވެ. އޭގެ ފަހުން އޭނާ ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރު ކުރުމަށް2021 ވަނަ އަހަރުގެ ނޮވެމްބަރު 28ގައި ކޯޓުން އަމުރެއް ނެރުނުނަމަވެސް އޭނާ ހާޒިރެއް ނުކުރެވުނެވެ. އަދި އޭނާ ފިލައިގެން ދިޔައީ ކަމަށް ކަމާގުޅުންހުރި ފަރާތްތަކުން ބުނަމުން ދަނިކޮށް، ވަހީދު ވަނީ، ސަރުކާރުން އޭނާ ފުރުވާލީކަމަށް ވިދާޅުވެފައެވެ.