ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، އެ މަނިކުފާނުގެ ސިޔާސީ މުޝީރު އަދި  އިންތިޚާބީ އޭޖެންޓް ޢަލީ ވަޙީދު ޖުމްހޫރީ ޕާޓީ ދޫކޮށްލައްވައިފިއެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ޖިންސީ އަނިޔާގެ ތުހުމަތުކޮށް، ދައުވާ އުފުލައި، ވަޒީރުކަމުން ދުރުކުރުމުން އިނގިރޭސިވިލާތުގައި އުޅުއްވުމަށްފަހު، ހަމަ މިސަރުކާރުން އެދައުވާތައް ފައިލްކުރުމުން ދާދި ފަހުން ރާއްޖެވަޑައިގެންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ޖޭޕީގެ ރައީސް ވިދާޅުވީ،" ދިވެހިރާއްޖޭގެ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް ޤާސިމް އިބްރާޙީމް އަރިހުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ނުހަނު އަގުހުރި ތަޖުރިބާއެއް" ކަަމަށެވެ. 

އޭނާ ވިދާޅުވީ، "މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީއިން އަޅުގަނޑު ވަކިވެއްޖައީމެވެ. ދިވެހި ޤައުމާ ރައްޔިތުންގެ ސަފުގައި ދެމި ހުންނާނަމެވެ." މިހެންނެވެ.

މީގެ ކުރީން، އަބަދުވެސް 20،000އަށް ވުރެ ގިނަ ވޯޓާއެކު ރިޔާސީ އިންތިޚާބުގެ ތިން ވަނައިގައި ވާދަކުރައްވާ ވިޔަފާރި ވެރިޔާއަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވީ، އެންމެ 5460 ވޯޓެވެ. މިއީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ޢުމަރު ނަސީރަށް ލިބިވަޑައިގެންނެވި ވޯޓަށް ވުރެވެސް މަދު ޢަދަދެކެވެ. 

ޖުމްހޫރީ ޕާޓީއަށްފަހު ދެން ޢަލީ ގުޅިވަޑައިގަންނަވާނީ، ކޮން ޕާޓީއަކާ ކަމެއް އަދި ނޭނގެއެވެ. ނަމަވެސް، މަޢުލޫމާތު ލިބޭގޮތުގައި ޢަލީގެ ދެން އޮތް މަންޒިލަކީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އެމްޑީޕީއެވެ. އެކަމަކު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ދެއްކި ގޮތުން "ރައްޔިތުންގެ ސަފު" އޮތީ، ޕްރޮގްރެސިމް ކޮންގްރެސް ކޯލިޝާނާއެކުކަމަށް ސިޔާސީ ފަރާތްތަކުން ބުނެއެވެ.