ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވޭތުވެ ދިޔަ 5 އަހަރު ތެރޭގައި ހިޔާނާތާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އެތަކެއް ކަންކަން ކުރަމުން ދިޔައިރުވެސް އެކަންކަމާ އަޅާވެސް ނުލާ ތިބުމަށްފަހު، މި ސަރުކާރު ނިމޭން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، އޭސީސީގެ މެންބަރުންނަށް ހަމަ ހޭވެރިކަންވެ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަވަސް އަރުވާލައިގެން ދޫކުރާން އުޅުނު 4000 ފްލެޓް ދޫކުރުމުގެ މަސައްކަތް ހުއްޓައިލާން އަނެއްކާވެސް އަންގައިފިއެވެ. 

ގެދޮރުވެރިޔާ ސްކީމްގެ ދަށުން، ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ރައީސް އިބްރާހީމްގެ ސަރުކާރުން އަޅަމުން ގެންދާ ފްލެޓްތަކުގެ ތެރޭން، ފުރަތަމަ ބުރުގައި ފްލެޓްދޭން ރައީސް އިބްރާހީމް ނިންމަވާފައި ވަނީ، ޝަރުތު ހަމަވާ 13،000 މީހުންގެ ތެރޭން، 76 ޕޮއިންޓުން ފެށިގެން މަތީ މާކްސް ލިބޭ މީހުންނަށެވެ. އަދި 76 ން ފެށިގެން މަތިން މާކްސް ލިބޭ މީހުންގެ ތެރޭން 4000 ހަމަ ނުވާނަމަ، ބާކީ ހުރި ފްލެޓްތައް 75 މާކްސް ލިބިފައިވާ މީހުންގެ މެދުގައި ގުރުނަގައިގެންނެވެ. 

މި 4000 ފްލެޓަކީ ފަހި ދިރިއުޅުން ކޯރޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެންބީސީސީ ލިމިޓެޑާއި ޙަވާލުކޮށްގެން ޢިމާރާތްކުރަމުން އަންނަ ފްލެޓްތަކެކެވެ. މި މަޝްރޫޢުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުންވެސް 2000 ހައުސިންގ ޔުނިޓް އަންނަނީ ތަރައްޤީކުރަމުންނެވެ.

ދާއިމީ ލިސްޓު ނެރެ، ގުރުނަގައި، ފްލެޓް ވެރީންނާ ލިޔުންވެސް ހަވާލުކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށް، މި ފްލެޓްތައް ދޫކުރުމުގެ އެންމެހާ ކަންކަން ހުއްޓާލުމަށް އަންގައި އޭސީސީއިން މިހާރު ވަނީ ޕްލޭނިންގ މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ. އޭސީސީން ތުހުމަތު ކުރަނީ، "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކެއް ޝަރުތުހަމަވާކަމަށް ކަނޑައަޅައި އެފަރާތްތަކަށް ޕޮއިންޓް ދީފައިވާކަމާއި، ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓްދީފައިވާކަމަށެވެ. 

އޭސީސީން ވަނީ، އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓްތައް ޙަވާލުކުރުމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ހުއްޓާލުމަށް މިނިސްޓްރީއަށް ވަނީ އަންގަވާފައެވެ.

ބިންވެރިޔާގެ ނަމުގައި، ރައީސް އިބްރާހީމްގެ ސަރުކާރުން ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް، މާލޭގެ އަގުބޮޑު ބިންތަކެއް ބަހާލައި، ގާތްގަނޑަކަށް 32 ބިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ޢާންމު ރައްޔިތުންނަށާއި ދައުލަތަށް ދިންއިރު، އޭސީސީން އެކަމާ އަޅާނުލައި ތިބެފައި، ވެރިކަން ބަދަލުވާން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް، އެ ގަދަ ނިދިން ހޭލެވި، ކުއްލިއަކަށް ޙަރަކާތްތެރިވާން ފެށުމުން ޢާންމު ރައްޔިތުން ދަނީ އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.