ދިވެހިރައްޔިތުން ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ރައީސުލްޖުމްހޫރިއްޔާއަކާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަކު އިންތިޚާބު ކޮށްފައި ވަނިކޮށް، ވެރިކަމުގެ ބާރުވެރިކަން ލިބުމުގެ ނިޔަތުގައި، ބާރުހުރި ފަރާތްތަކުން ޤާނޫނުއަސާސީއާއި ޤާނޫނީ ވެރިކަމާއި، ޑިމޮކްރަސީގެ އަސާސްތަކާއި ޚިލާފަށް، ވެރިކަމުގެ ނިޒާމު ކުއްލި އަކަށް ބަދަލުކުރުމުގެ ވިސްނުމުގައި މުޅި ނިޒާމު ގަނޑުބަނޑުކުރުމަކީ ޤައުމަށް ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ޤަބޫލު ކުރާނޭކަމެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް ވިދާޅުވީ، "ތިމާމެން އެދޭގޮތް ހާޞިލް ކުރުމަށް މިފަދަ ވޯޓެއް ނެގުމަކީ ދިވެހި ޤައުމުގެ ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ހަމަޖެހުން ގެއްލި ފަސާދައަށް މަގުފަހިވެގެންދާނޭ ކަމެއް ކަމުގައި މެނުވީ ނުވާނެ،" ކަމަށެވެ. އަދި މިއީ "ކޮށްގެންވާނެކަމެއް ވެސް ނުމެ ނޫން" ކަމަށެވެ،

މިފަދަ ދަނޑިވަޅެއްގައި އެފަދަ ވޯޓެއް ނެގުމަށް ކުރާ މަސައްކަތުގެ ސަބަބުން، "ޤައުމުގައި އުފެދިގެންދާނީ، ފިތުނައާއި ފަސާދައިގެ އަލިފާނުގެ ހުޅުގަނޑު ނޫން ކޮން އެއްޗެއްތޯ؟" ވިދާޅުވެ އޭނާ ވަނީ ސުވާލުއުފައްދަވައިފައެވެ.

ޤާސިމް ވިދާޅުވީ، "މިކަމުގެ ސަބަބުން މުޅި ޤައުމާއި ރައްޔިތުންނަށް ލިބިގެންދާނޭ ނިކަމެތިކަން އަޅުގަނޑަށް ތަޞައްވުރު ކުރެވޭ،" ކަމަށެވެ. 

ރާއްޖޭގައި ބާއްވަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބަލަން، އޮކްޓޫބަރު 29ގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ، މަޖިލީހުގެ މެޖޯރިޓީ ޕާޓީ (އެމްޑީޕީ) އާއި މައިނޯރިޓީ ޕާޓީ (ދަ ޑިމޮކްރެޓްސް)ގެ އަޣްލަބިއްޔަތުންނެވެ. އަދި ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް އެންގުމުގެ ބަދަލުގައި، އެކޮމިޝަނަށް ވޯޓު ނަގާން އެންގީވެސް ސީދާ މަޖިލީހުންނެވެ. އަދި މިހާރު ދަ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށްފަހު، ނިޒާމް ބަދަލުކުރާން ފާސް ނުވެއްޖެ ނަމަ، ސީދާ މަޖިލީހުން އެކަން ނިންމާލެވޭ ފަދަ އިސްލާހެއް ޤާނޫނުއަސާސީއަށްވެސް ހުށަހަޅައިފައެވެ. ނަމަވެސް، ދަ ޑިމޮކްރެޓްސްއިން ވަނީ، އަލަށް އުފެދޭ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރެއްގައި އެ ޕާޓީން ބައިވެރިވާނޭ ކަމަށް ބުނެފައެވެ.

ޤާސިމް ވިދާޅުވީ، ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ރައީސަކާއި ނައިބަކު އިންތިޚާބުކޮށްފައި ވަނިކޮށް، އަދި ދިވެހިރައްޔިތުންނާއި، ބައިނަލް އަޤްވާމީ މުޖުތަމަޢުން އެ އިންތިޚާބުގެ ނަތީއްޖާ ޤަބޫލުކޮށްފައި ވަނިކޮށް، އިންތިޚާބީ ރައީސް އާއި ނާއިބު ރައީސް މަޤާމުގެ ހުވާކުރުމުގެ ކުރީން ވެރިކަން ކުރަންވީ ކޮންނިޒާމަކުން ތޯ ބެލުމަށް އަލުން ނިޒާމެއް ވޯޓެއް ނެގުމަކީ ޤާނޫން އަސާސީގެ ރޫޙާ ޚިލާފު އަދި ބައިނަލް އަޤްވާމީ މުޖުތަޢުގައި ޢަމަލު ކުރާ އުޞޫލު ތަކާއިވެސް މުޅީން ޚިލާފުކަމެކެވެ. އަދި މިއީ މިހާތަނަށް ދުނިޔޭގެ އެއްވެސް ޤައުމަކުން ޢަމަލު ކޮށްފައިވާ ގޮތެއް ނޫނެވެ.